(ބުދަ ދުވަހާ ގުޅޭ)
"އެ ތިބެނީ ފިރިހެނުންނަކީ!" ބައްޕަ ބުނުއްވިއެވެ. "އެ ކަހަލަ މީހަކާ ދަރިފުޅު ދެވީމަ ނޫނީ ކަށްވަޅުގަ އޮންނާކަށް ބައްޕައަކަށް ފަސޭހައެއް ނުވާނެ. ބައްޕައަށް ހަމަ ކަށަވަރު އޭނަ ދަރިފުޅު ބަލަހައްޓާނެ."
ހަފީޒާގެ މޫނުމަތިން އުފާވެރިކަމުގެ ތަރިތައް ބަބުޅަން ފެށިއެވެ. އިސާހިތަކު އަލިކަން ފަނޑުވި ވެސްމެއެވެ.
"މިހާރު ކިހިނެއްވީ ދަރިފުޅާ؟" އާދަން ކަލޭފާނު ނުހަނު ލޯތްބާ އެކު ސުވާލުކުރިއެވެ.
"އެކަމަކު އަޅުގަނޑަށް ހީވަނީ އޭނައަކީ ފަގީރެއްހެން." ހަފީޒާ ބުންޏެވެ.
އާދަން ކަލޭފާނު ވަކި އެއްޗެއް ނުބުނުއްވައެވެ. ދަރިފުޅަށް ބަލަހައްޓައިގެން އިންނެވީއެވެ. ފައިސާއަކީ ކިހައި މުހިންމު އެއްޗެއްކަން، އާދަން ކަލޭފާނަށް ވުރެ ރަނގަޅަށް އެނގޭނެ އެހެން މީހަކު ނުހުންނާނެއެވެ. ސަރުކާރުގެ ނައުފަހަރުގައި ނެވިމީހާގެ ހައިސިއްޔަތުން ދަތުރުތައް ކުރާ އިރު، ގަނެވިއްކާ މުދާތަކާއި އެހެން ބޭފުޅުން ސިއްރިއްޔާތުގައި ކުރައްވާ ވިޔަފާރި ވެސް ހިނގަނީ އާދަން ކަލޭފާނުގެ ލޯ ކުރިމަތީގައެވެ.
"އޭނަ ފަގީރަސް ބައްޕައަށް އެންމެ ރަނގަޅުތޯ؟" ހަފީޒާ ސުވާލުކުރިއެވެ.
އާދަން ކަލޭފާނުގެ ދޫ ހަރަކާތެއް ނުކުރިއެވެ. އެއްކޮޅުން ފައިސާގެ މުހިންމު ކަމެވެ. އަނެއް ކޮޅުން ދަރިފުޅުގެ އުފަލެވެ. ފިކުރުގެ މައްޗަށް ފިކުރެވެ. އާދަނު ވެސް ގެއްލިފައި އިނީ އެ ފަދަ ފިކުރަކަށެވެ. މައްސަލައަކީ ހަފީޒާގެ ޖަވާބެއް ނުލިބޭތީއެވެ. އާދަނު އޭރު ދިރިއުޅުނު ގެ ހުރީ މުންނާރު ކައިރީގައެވެ. އެ ގޭގައި ކުޅިބަލާގެއެއް ހުރެއެވެ. އެއީ މަގުމަތީގައި ހިނގާ ކުޅިވަރު ބެލުމަށް ޓަކައި، ފާރު ކައިރީގައި ތަންކޮޅެއް އުސްކޮށް ހަދާފައި ހުންނަ ތަނެކެވެ. ބައެއް ގޭގޭގައި އެ ތަން ހިޔާކޮށްފައި ހުންނަ އިރު އަނެއްބައި ގޭގޭގައި ހުންނަނީ ސިޑިބަރިއެކެވެ. ހެނދުނުގެ ވަގުތު، އާދަނުގެ ގޭގައި ހުރި ސިޑިބަރީގެ އެންމެ ތިރީ ހަރުފަތުގައި އިށީނދެލައިގެން ވިސްނަން އިންދައި، މަގުމަތީގެ އަޑު ތަންކޮޅެއް ގަދަވި ހެން ހީވިއެވެ. އިވެނީ އަންހެންކުއްޖަކު ވާހަކަ ދައްކާ އަޑެވެ. އެ އަޑުގައި ހުރީ ފޫހިކަމާއި ގޮތްދޫނުކުރުމެވެ. ރައްދު ދޭ އަޑެއް ނީވެއެވެ. އާދަނު ސިޑިބަރިއަށް އަރައި މަގުމަތި ބަލައިލިއެވެ. ފެނުނީ އެހެންޏާ ނުފެންނަ ކަހަލަ މަންޒަރެކެވެ. ހަމީދުގެ ކާރުކޮޅު އޮތީ ހެންވޭރު ގަނޑުވަރު ކުރިމަތީގައެވެ. ކާރުކޮޅު ދުއްވަން އިންނެވީ ހަމީދުއެވެ. ކާރުކޮޅު ކައިރީގައި އަންހެންކުއްޖަކު ހުއްޓެވެ.
"ދެން އަރާ!" ހަމީދު ވިދާޅުވެއެވެ.
އަންހެންކުއްޖާ އުޅެނީ ނާރާށެވެ. ކޮންމެވެސް ކަމަކާ ހެދި އޭނަ ހުރީ ރުޅި އައިސްފައެވެ. ކާރުކޮޅުގެ ފަހަތު ސީޓުގައި އޭރު ވެސް ދެ ކުއްޖަކު ތިއްބެވެ.
"އެ ކުދިން ގޮވައިގެން ވަޑައިގަންނަވާ!" ކޮޅަށް ހުރި ކުއްޖާ ބުނެއެވެ. "ވަރަށް ސާފުކޮށް މި ދަންނަވަނީ. އެ ކުދިން ތިއްބަކާ އަޅުގަނޑެއް ތި ކާރަކަށް ނާރާނަން. މި ބުނީ ނޫންތޯ ނާރާނަމޭ!"
ކާރަކީ މާލެ އަށް އާންމު އެއްޗެއް ނޫނެވެ. މަންޒަރު ބަލަން ފޫޅުމާގޭ ދެބެން ކަމުގައިވާ ދޮންމަނިކާއި ހުއްތަނިކު ވެސް ތިއްބެވެ. ކުޑަ ލައްޕައިލައިގެން ބިންމަތީގައި ކުޑަ ޖައްސައިލައިގެންނެވެ. ހުއްތަނިކަކީ ވަޒީރެއްގެ ފެންވަރުގައި އުޅޭ މީހެކެވެ. އާދަނު ހިތަށް އެރިއެވެ. ސިޑިން ފައިބައިގެން ގޮސް ހަމީދުއާ ބައްދަލުކޮށްފައި ބުނަންވީއެވެ. ތިޔައީ ގައުމުގެ ވެރިޔާ އުޅުއްވަން ހެޔޮވާ ވަރުގެ ގޮތެއްތޯއެވެ؟ މަނިކުފާނު ވެރިކަން ކުރެއްވުން ހުއްޓައިލައްވާށެވެ. ނޫނީ ތި ކުއްޖާ ބަނދެގެން ގެންދަންވީ ނޫންތޯއެވެ؟ މަނިކުފާނު ދެކެ މީހުން ފޫހިވަނީ، ވެރިންނާ މުނާސަބު ނޫން ތި ޒާތުގެ ކަންކަން ކުރައްވާތީއެވެ. އަމުދުން މީހުންގެ ލޯ ކުރިމަތީގައެވެ. އެ ހާދިސާއަކީ ވެސް، ހަމީދުއާ މެދު އާދަނުގެ ހިތުގައި އޮތް ލޯބި ކިލަނބުވާން މެދުވެރިވި އެއް ސަބަބެވެ.
މުލުހާލުގެ ތުނބަށް އާދަނަށް ހޭލެވުނެވެ. އާ ދުވަހެކެވެ. އާ ފެށުމެކެވެ. އެހެނަސް އާދަނު އޮތީ ފިކުރަކަށް ގެއްލިފައެވެ. ކުރިން ފެނުނު ބިރުވެރި ހުވަފެނެއް އަނެއްކާ ވެސް ފެނުނީއެވެ. އަސުރަށް ވުރެ އިރު ތިރިނުވި ތަނެވެ. މީހުން ތަކުބީރު ގޮވަމުން މިސްކިތަށް އެރި ތަނެވެ. ރޭގަނޑު ނުވުމުން ދުންމުޖުމަރާއަށް ރުއްބުޑުކުމުންޒާންޏާއި ކިރުކުމުންޒާނި އަޅައިގެން ޒިޔާރަތްތަކަށް ދުންދޭ ތަނެވެ. އެ ރަސްމުގެ އެންމެ ކުރީގައި ހުންނެވީ މުހައްމަދު ހަމީދެވެ. ދެން ހުރީ ދެވަނަ ދެ މީހެއް ނޫނެވެ. އާދަނެވެ. އެ ފަދަ ރަސްމެއްގައި ހަމީދު އަރިހުގައި އާދަނު ހުންނަންޖެހޭ ސަބަބެއް އާދަނަކަށް ނުވިސްނެއެވެ. ހަމީދަކީ އާދަނުގެ އިތުބާރު ގެއްލި، އަގުވެއްޓެމުންދާ ވެރިއެކެވެ.
ހެނދުނު ސައިބޮއިގެން އާދަނު ދިޔައީ ފެންފަރުދާގެއަށެވެ. ދިޔަ މަގުމަތީގައި ވެސް ހިތަށްއެރިއެވެ. އިރުއިރުކޮޅާ އާދަނަށް އެ ހުވަފެން ފެންނަނީ ކީއްވެގެން ހެއްޔެވެ؟ އެއީ ލިބެން އުޅޭ މޮޅެއް ހެއްޔެވެ؟ ދެރައެއް ހެއްޔެވެ؟ ބައެއް ހުވަފެން ދިމާވާނީ ދިމާ އިދިކޮޅަށޭ ވެސް ހިތަށް އެރިއެވެ.
"އާދަނާ!" ނަޖީބުގެ އަޑުއިވުނެވެ.
އާދަނު ބަލައިލި އިރު، ކަރުގައި ކެމެރާ އަޅުވައިގެން، މުންޑުން ބަޑިތަޅުވަމުން ނަޖީބު އާދެއެވެ.
"ދޮރުން ވަނީއް ސުރެ މި ގޮވަނީ،" ކަންބޮޑުވެފައި ނަޖީބު ބުންޏެވެ. "ކަންފަތަށް އަޅެ ފަހެ ރީއެޅުނީތަ؟"
"ޒާތެއްގެ ހުވަފެނެއް ފެންނާތީ އެ ކަމާ ފިކުރު ބޮޑުވެގެން މި އުޅެނީ." އާދަނު ބުންޏެވެ.
"ހުވަފެނާ ދޭތެރޭ ވިސްނުން ހުއްޓާލާފަ ހަގީގަތާ ކުރިމަތިލަމާ ބަހީ،" ނަޖީބު ބުންޏެވެ. "ފަންސަވީސް ގަނޑު ފޮޓޯ ސާފުކުރަން އެބަ އޮތް. ހިނގާބަލަ އެ ކަމާ އުޅެމާ!"
ފޮޓޯ ސާފުކުރަނީ ފިލާޖަހައި ބިތް ބައްދައިފައި ހުންނަ ކުޑަ ކުށްޓެއްގައެވެ. ކުށި ވަށައިގެން އެތެރޭގައި ހުންނަނީ ކަނޑިކި ފޮތި ދަމައި އަނދިރި ކޮށްފައެވެ. ހުރިހައި ކަމެއް ހިނގަނީ އެ ކުށީގައި ހުންނަ މޭޒުމަތީގައެވެ. ނެގެޓިވު ގެނެސް ލަނީ ޒާތެއްގެ ބޭހެއް އަޅާފައި ހުންނަ ތަށްޓަކަށެވެ. އެ ތަށީ ތެރޭގައި ހުންނަ ފެންގަނޑު ތެރޭގައި ބާއްވައިގެން ނެގެޓިވު ދޮވުމުން މަންޒަރު ސާފުވާން ފަށައެވެ. ރަނގަޅަށް ސާފުވީމައި ދެން އެ ވީ ކަރުދާހަށް ފޮޓޯ އަރުވާށެވެ. ކުށީގެ އެއް ބިތުގައި ކުޑަ، ހަތަރެސްކަން ގޮޅިއެއް ކަނޑައިފައި ހުރެއެވެ. ގޮޅީގެ އެތެރެއިން ހުންނަނީ ވަރަށް ކުޑަ، ކެހޭދޮރެއް ލައިފައެވެ. ކަރުދާސްގަނޑުގައި ނެގެޓިވު ޖައްސާފައި ދޮރު ކަހައިލުމާ އެކު ބޭރުން އަވި ވަދެ، ނެގެޓިވުގައި ހުރި އެއްޗެއް ފޮޓޯއަށް ނަކަލު ކޮށްލައެވެ. އެ ހިސާބުން ބޮޑުބައި ނިމުނީއެވެ. ދެން ފޮޓޯތައް ބޭސްފެނުގައި ބެހެއްޓުމަށް ފަހު، ހިއްކުމަށް ޓަކައި، އެ ތަނުގައި ދަމާފައި ހުންނަ ރޯނެއްގައި، ހިއްކަން އަޅުވާފައި ދައްޗެއް ޖަހަނީއެވެ. ހިކުނީމައި އެހެރީ ފޮޓޯ ތައްޔާރުވެފައެވެ. ނަޖީބުއާ އެކުގައި އެ މަސައްކަތުގައި އުޅެއުޅެ ނަޖީބަށް އެހީވާން އާދަނު ވަރަށް ކުޅަދާނައެވެ. ހުރިހައި މަސައްކަތެއް ކުރަނީ ނަޖީބެވެ.
ރީއްޗަކީ އެއާ ދިމާއަށް ލޯ އަނބުރާލާ ބާރެކެވެ. ލޯ އެކަންޏެއް ނޫނެވެ. ކެމެރާ ވެސް މެއެވެ. އެ ދުވަހުގެ ފޮޓޯތަކުގައި ހަފީޒާގެ ވަރަށް ރީތި ފޮޓޯއެއް އޮތެވެ. ލަދުރަކި ގޮތަކަށް ހިނިތުންވެލައިގެން، ރުމާލުގެ ކަނުގައި ދައިގަނެގެން ހުރި ފޮޓޯއެކެވެ. އެ ފޮޓޯއަށް އާދަނު ވަރަށް ހިތްކިއެވެ. ބަލައި ފޫހިނުވިއެވެ. އާދަނަށް ހީވާ ކަހަލައެވެ. ހަފީޒާ ދައިގަނެގެން ހުރީ އާދަނުގެ ހިތުގައެވެ. ހިތަށް އެރިއެވެ. އެ ފޮޓޯ ދޭތޯ ނަޖީބު ކުރެން އަހަން ވާނެއެވެ. ފޮޓޯ ވަގަށް ނަގާކަށް އާދަނު ބޭނުމެއް ނުވިއެވެ. އާދަނަކީ ދީނަށް ލޯބިކުރާ ޒުވާނެކެވެ.
ފޮޓޯތައް ހިކެންދެން އާދަނު ކުށީގައި ހުއްޓެވެ. އެ މަސައްކަތަށް ޖެހިފައިވާ ލޯތްބެއްގެ ސަބަބަކުންނެއް ނޫނެވެ. ހަފީޒާގެ ފޮޓޯގަނޑުގައި އާދަނު ތަތްލީއެވެ. ކިރުއިލޮށްޓެއްގައި ދޮންދޫންޏެއް ތަތްލާ ފަދައިންނެވެ. އެހެން ހުއްޓައި ކުއްލިއަކަށް ނަޖީބު ވަނެވެ.
"އަހަރެން މި ދަނީ ފޮޓޯތައް ހިފައިގެން،" ކެތްތެރިކަން ކުޑަވެފައި ހުރި ނަޖީބު ބުންޏެވެ. "އެހެރީ ބޭކާރު ގަނޑުތައް. އެ އުކާލާފަ ތަން ސާފުކޮށްލާ! މިއަދު އެބަ ޖެހޭ ގަނޑުތައް ހަވާލުކުރަން."
ހަވާލުކުރަން ޖެހެނީ ކާކާ ކަމެއް ނަޖީބު ނުބުނެއެވެ. ހަފީޒާގެ ފޮޓޯގަނޑު ދީފާނަންހޭ އާދަނަކަށް ނޭހުނެވެ. ކެމެރާ އަޅުވައިގެން، ފޮޓޯތައް ހިފައިގެން ނަޖީބު ނުކުތެވެ. އާދަނު ކަރު އެލުވައިލިއެވެ. ހިތަށް އެރިއެވެ. އެ ގެއްލުނީ އަލިމަހެކެވެ. ޔާގޫތެކެވެ. ދެނެއް އެ ހައި ނަލަ ފޮޓޯއެއް ނުލިބޭނެއެވެ.
"އަޅާނުލާ އާދަނާ!" ހިތާހިތުން އާދަނު ބުނެލިއެވެ. "ވަގުތު ޖެހުނީމަ، ދެއްވަން ހުރި އެއްޗެއް ދެއްވާނެ. ހިތްބަރު ނުކުރޭ!"
ތަން ސާފުކުރުމުގެ މަސައްކަތް އާދަނު ފެށިއެވެ. އުކާލަން ބުނި ފޮޓޯތައް ކުނިގޯންޏަށް އަޅައިލިއެވެ. އަޅައިލާފައި އާދަނު ހިތަށް އެރިއެވެ. އެ ފޮޓޯތައް ބަލައިލަން ވެއްޖެއެވެ. މުތް ވެސް މި އޮންނަނީ އިތައެއްގެ ބަނޑުގައެވެ. ފޮޓޯތައް ބެލި އިރު، އާދަނަށް އެންމެ ކަމުދިޔަ ފޮޓޯގަނޑު އޮތެވެ. ދެބައިކުޅަ އެއްބައި ފުސްވެފައެވެ. ހަފީޒާގެ މޫނު ސާފުކޮށް ފެނެއެވެ. އާދަނުގެ ޝަކުވާއެއް ނެތެވެ. ފޮޓޯގަނޑު ހިތުގައި ޖައްސައިލުމަށް ފަހު އަންބޮޑިއަށް ލިއެވެ.
ދުވަހެއްގެ މެންދުރުފަހެވެ. ފެންފަރުދާގޭގެ ގޮނޑިއެއްގައި އިށީނދެލައިގެން އާދަނު އިނެވެ. ދެ ހިޔާލެއްގައެވެ. ހަފީޒާ ފެނިއްޖެއްޔާ ފޮޓޯގަނޑު ދޭން އާދަނުގެ ސިކުނޑި ބޭނުންވެއެވެ. ހިތް ބުނަނީ ނުދޭށެވެ. ހަފީޒާގެ ބައްޕަ ރުހުން ނުދީފި ނަމަ އޭގެ ބަދަލު އަންނާނީ އަދަބަކާ އެކުގައެވެ. ހަފީޒާ ފެންނަ ހިސާބަށް ވެސް އާދަނަށް ނުދެވޭ ގޮތް ހަދައިފާނެއެވެ. ފެންފަރުދާގެއަށް ވަނުން މަނާކޮށްފާނެއެވެ. އާދަނު އަށިގެއަށް ލައިފާނެއެވެ. ރަށަކަށް އަރުވައިލަފާނެއެވެ. އަބަދު ވެސް އެ ބިރު އޮވެއެވެ.
ކުއްލިއަކަށް އާދަނު ތެމުނެވެ. ފުންމައިގެން ތެދުވެވުނެވެ. ފަހަތް ބަލައިލި އިރު އާދަނުގެ ފުރަގަހުގައި ހަފީޒާ ހުއްޓެވެ. އޭނަ ހުރީ ފެޅިފައިވާ ކުޑަ ފެންބޮކީގެ ހަންކޮޅު ހިފައިގެންނެވެ. ހަގީގަތުގައި އެއީ ތެންމަން ކުރާ ކަމެއް ނޫނެވެ. ލޯބީގެ ސިގުނަލެކެވެ. ފެންބޮތްކަކީ ފުއްޕާހަމަށް އަނގައިން ފެން އަޅައިގެން ހަދާ އެއްޗެކެވެ. އާދަނު ހިތަށް އެރިއެވެ. ހަފީޒާގެ ބައްޕަ ރުހުން ދިނީ ބާއެވެ؟ ހިތާމައަކީ، ބުނާނެ އެއްޗެއް އާދަނުގެ ހިތަށް ނައިކަމެވެ.
ފަހުން އަނެއްކާ ފެންބޮތްކެއް ހިފައިގެން ހަފީޒާ ހުއްޓައި އެ ތަނަށް އާދަނު ދިޔައެވެ. އެ ތާކު އެ ވަގުތަކު އެހެން ކުއްޖަކު ނެތެވެ.
"ތި ބޮކި ދީފާނަން؟" ބުނާނެ އެއްޗެއް ނޭނގިގެން އާދަނު ބުންޏެވެ. "އޭރުން އަހަރެން ވެސް ދޭނަން ހަދިޔާއެއް."
"ކީއްވެ މި ބޮކި ބޭނުންވަނީ؟" ހަފީޒާ ސުވާލުކުރިއެވެ. "އެހެން ކުދިން ވެސް އެޔޮއް ބޮކިތައް ގެންގުޅެނީނު."
"ވަރަށް ގިނަ ކުދިން ބޮކި އެބަ ގެންގުޅޭ!" އާދަނު ބުންޏެވެ. "އެކަމަކު މަ ބޭނުމީ ހަމަ ތި ބޮކި!"
ހަފީޒާ ބޮކި ދިއްކޮށްލުމުން، ބޮތްކާ އެކުގައި ހަފީޒާގެ އަތުގައި އާދަނު ހިފައި، އަތަށް ކުޑަކޮށް ފިތައިލިއެވެ. އެއީ އާދަނު ދިން ސިގުނަލެކެވެ. ހަފީޒާ ވިރިގެން ފޭބި ކަހަލައެވެ. ލަދަކުން ނޫނެވެ. ބިރުންނެވެ. (ނުނިމޭ)