އިންޑިއާގެ މުމްބާއީގެ ފުލުހުން 2022 ވަނަ އަހަރުން ފެށިގެން ތަހުގީގު ކުރަމުން އަންނަ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޝްރައްދާ ކަޕޫރާއި ނޯރާ ފަތޭހީގެ މައްޗަށް އެއްވެސް ހެއްކެއް ނެތް ކަމަށް ނިންމައި އެމީހުންގެ ނަން އެ މައްސަލައިން އުނިކުރުމަށް ނިންމައިފި އެވެ.
އެ މައްސަލަ ފެށުނީ އޯގަސްޓް 2022 ގައި މުމްބާއީ ފުލުހުންގެ އެންޓި ނާކޮޓިކްސް ސެލް އިން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މުހައްމަދު ސަލީމް ޝެއިހް (ލަވިޝް) ހައްޔަރު ކުރުމާ ގުޅިގެންނެވެ. އޭނާ ހައްޔަރުކުރި އިރު އޭނާގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެ އެވެ.
ފުލުހުންގެ ތަހުގީގުގައި ލަވިޝް ބުނެފައި ވަނީ މުމްބާއީ އާއި ދުބާއީގައި ބޭއްވި ބައެއް ޕާޓީތަކަށް އޭނާ މަސްތުވާތަކެތި ސަޕްލައިކޮށްދީފައިވާ ކަމަށެވެ. އަދި އެ ޕާޓީތަކުގައި ޝްރައްދާ ކަޕޫރާއި ނޯރާ ފަތޭހީ އާއި ސިދާންތު ކަޕޫރާއި ސޯޝަލް މީޑިއާ އިންފްލުއެންސާ އޮރީ އަދި ސިޔާސީ މީހެއް ކަމަށްވާ ޒީޝާން ސިއްދީގީ ބައިވެރިވި ކަމަށް އޭނާ ތުހުމަތުކުރި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ތުހުމަތުތަކާ ގުޅިގެން ފުލުހުން ކުރި ދިގު ތަހުގީގަށް ފަހު، މި ސެލެބްރިޓީންނާ މަސްތުވާތަކެތީގެ ވިޔަފާރިއާ އެއްވެސް ގުޅުމެއް އޮތްކަމުގެ އެއްވެސް ހެއްކެއް ފެނިފައެއް ނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ.
އަންނަ ހަފުތާގައި ކޯޓަށް ހުށަހަޅާ މި މައްސަލައިގެ އިތުރު "ޗާޖްޝީޓް"ގައި އެ މީހުންގެ ނަންތައް ހިމަނާފަައި ނުވާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ފުލުހުން މީޑިއާތަކަށް ބުނި ގޮތުގައި، މިހާތަނަށް ލިބިފައިވާ ހެކިތަކުން އެ މީހުން ކުށްވެރިކުރެވޭނެ އެއްވެސް އަސާސެއް ނެތެވެ.
މި ތުހުމަތުތަކާ ގުޅިގެން އޮރީ ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި، ބައެއް މީހުން ވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ފަތުރައި، އޭނާގެ އަބުރު ކަތިލައިފަ އެވެ.
މި މައްސަލައިގައި މިހާރު ފުލުހުންގެ ފޯކަސް ހުރީ މަސްތުވާތަކެތި އުފައްދާ އަދި ސަޕްލައިކުރާ މައިގަނޑު މީހުންގެ މައްޗަށް ދައުވާ ކުރުމަށް ކަމަށާއި އޭގެ ތެރޭގައި މިހާރު ހައްޔަރުކޮށްފައި ތިބި މީހުންނާއި ފިލައިގެން އުޅޭ މީހުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުންޏެވެ.