އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އެޑް ޝީރަން އެހެން ބައެއްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ، ކޮޕީރައިޓް ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ކުރި ދައުވާ ކޯޓުން ބޭރުގައި ނިންމައި، ދައުވާ ކުރި މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލަށް 20 މިލިއަން ޑޮލަރު ދީފި އެވެ.

މައްސަލަ ޖެހުނީ ޝީރަން 2014 ގައި ނެރުނު ލަވަ "ފޮޓޯގްރާފް" ގަ އެވެ. އޭނާ އެ އަހަރު ނެރުނު އަލްބަމްގައި ހިމެނޭ އެ ލަވަ ވެގެން ދިޔައީ އާންމުންގެ މެދުގައި ވަރަށް މަގުބޫލުވި ލަވައަކަށެވެ.

އެ ލަވައިގެ މައްސަލާގައި އޭނާއާ ދެކޮޅަށް ކެލިފޯނިއާ ކޯޓްގައި ދައުވާކުރީ ތޯމަސް ލިއޮނާޑް އާއި މާޓިން ހެރިންގްޓަން އެވެ. އެ މީހުން ކުރި ދައުވާގައި ބުނެފައި ވަނީ ޝީރަންގެ ލަވަ "ފޮޓޯގްރާފް" އަކީ އެ މީހުންގެ ލަވަ "އެމޭޒިން"ގެ ސީދާ ކޮޕީއެއް ކަމަށެވެ.

ލަވައިގެ މައިގަނޑު ޅެން ފިޔަވައި، މުޅި ލަވަ އޮތީ އެ މީހުންގެ "އެމޭޒިން" ތައްގަނޑަށް ކަމަށް ތޯމަސް އާއި މާޓިން ބުނެފައިވެ އެވެ. އެގޮތުން ލަވައިގެ މެލޮޑީ އާއި ރިދަމާއި އޭގެ ސްޓައިލާއި ލަވަ ކިޔައިފައި އޮތީ ވެސް ހަމަ އެ މީހުންގެ ލަވައާ އެއްގޮތަށް ކަމަށް ބުނެފައިވެ އެވެ.

"އެމޭޒަން" އަކީ 2010 ގައި ރިއަލިޓީ ޝޯ "ދި އެކްސް ފެކްޓާ" ކާމިޔާބު ކުރި މެޓް ކާޑްލް އަށް ތޯމަސް އާއި މާޓިން ހަދައި ދިން ލަވައެކެވެ.

ކޯޓުން ބޭރުގައި "ފޮޓޯގްރާފް" ގެ މައްސަލަ ނިންމައިލި އިރު، މިފަދަ އެހެން މައްސަލައެއް ވެސް ޝީރަން، 26، ގެ ކުރިމަތީގައި މިހާރު އެބަ އޮތެވެ.

އެއީ މާވިން ގަޔީ އާއި އެޑް ޓައުންސެންޑްގެ 1973 ގެ ކްލަސިކް ލަވަ "ލެޓްސް ގެޓް އިޓް އޮން" ކޮޕީ ކުރި ކަމަށް ބުނާ މައްސަލައެކެވެ.

ވީޑިއޯ ވެސް ނެރެފައިވާ އެ ލަވައަކީ "ތިންކިން އައުޓް ލައުޑް" އެވެ.

އެހެން ނަމަވެސް މި ލަވައިގެ މައްސަލާގައި ޝީރަންގެ ޓީމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.