ބޮލީވުޑްގެ އެކްޓްރެސް މޯނީ ރޯއީ އާއި ދުބާއީގެ ވިޔަފާރިވެރިޔާ ސޫރަޖު ނަމްބިއާރުގެ ކައިވެނި ރޫޅިފައިވާ ކަމުގެ އަޑުތައް ގަދަވެއްޖެ އެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، މި ވާހަކަތައް އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގައި އެ ދެމީހުން ކުރި ކަންތައްތަކެއްގެ ސަބަބުންނެވެ. މޯނީ އާއި ސޫރަޖު ވަނީ އިންސްޓަގްރާމުން އެކަކު އަނެކަކަށް އަންފޮލޯ ކޮށްފަ އެވެ.

މީގެ އިތުރުން މޯނީގެ ގާތް އެކުވެރިޔާ ފިލްމީ ތަރި ދިޝާ ޕަޓާނީ ވެސް ސޫރަޖު އަންފޮލޯ ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ. 

ސޫރަޖު ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުން ކައިވެނީގެ ފޮޓޯތައް ޑިލީޓްކޮށް، އެކައުންޓް ޕްރައިވެޓް ކޮށްފަ އެވެ. މޯނީގެ އެކައުންޓުގައި ބައެއް ފޮޓޯތައް ހުރި ނަމަވެސް، ފަހަކަށް އައިސް ދެމީހުން އެކުގައި ފޮޓޯއެއް ހިއްސާކޮށްފައެއް ނުވެ އެވެ.

"ހިންދުސްތާން ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މޯނީ އާއި ސޫރަޖު ވަކިން ދިރިއުޅެމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެެވެ. ސޫރަޖު މިހާރު އެމީހުން ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

އޭބީޕީ ނިއުސްގެ "ސާސް ބަހޫ އައުރު ސާޒިޝް" ޕްރޮގްރާމުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމީހުން ވަކިވުމުގެ ފަހަތުގައި ސީރިއަސް ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ސޫރަޖު މޯނީއަށް ބޭވަފާތެރިވެފައިވުމާއި ސޫރަޖު އަމިއްލަ ފައިދާއަށް މޯނީގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތަކެއް ހިމެނެ އެވެ. އަދި މަޝްހޫރުކަން ހޯދުމަށް މޯނީގެ ނަން ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

މީޑިއާ ރިޕޯޓުތަކުގައި އެހާ ގިނަ ވާހަކަތަކެއް ދެކެވެމުންދާއިރު ވެސް، މޯނީ ނުވަތަ ސޫރަޖުގެ ފަރާތުން ވެސް އަދި މިކަމާ ގުޅޭ ގޮތުން އެއްވެސް ބުނެފައެއް ނުވެ އެވެ.

މޯނީ މިވަގުތު ތައްޔާރުވަމުން އަންނަނީ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި ބައިވެރިވުމަށެވެ.

މޯނީ އާއި ސޫރަޖު ކައިވެނީ ކުރީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު އިންޑިއާގެ ގޯއާގަ އެވެ. އެ ދެމަފިރިންގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމުގެ ޚަބަރު މި ލިބުނީ ކައިވެންޏަށް ހަތަރު އަހަރު ފުރުނުތަނާހެންނެވެ.