ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ފިލްމު ފެސްޓިވަލް ކަމަށްވާ ކާންސް ފިލްމު ފެސްޓިވަލްގެ މި އަހަރުގެ އިވެންޓުގައި ބޮލީވުޑްގެ ތަރި އާލިއާ ބަޓް އޭނާގެ ފުރަތަމަ ފެނިލުމުން ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި އެވެ.

ލޯރިއަލް ޕެރިސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި އެ ފެސްޓިވަލްގައި ބައިވެރިވި އާލިއާ ފެނުނީ ހުރިހާ ގޮތަކުން ވެސް "ޕްރިންސަސް" އެއް ކަހަލަ ހިތްގައިމު ލުކްއެއްގަ އެވެ. 

އާލިއާ މިފަހަރު ލައިގެން ހުރީ މަޝްހޫރު ޑިޒައިނަރު ޔަޝް ޕަޓިލްގެ "ދެޓް އެންޓީކް ޕީސް" ކަލެކްޝަންގެ ކަސްޓަމް ގައުންއެކެވެ. މި ހެދުމަކީ 1950 ގެ އަހަރުތަކުގެ ފެޝަނަށް ބިނާކޮށް ފަރުމާކޮށްފައިވާ، އަތުން ކުރަހާފައިވާ މާތަކެއް ހިމެނޭ ހެދުމެކެވެ. މިއީ ފްރެންޗް ރިވިއޭރާގެ ރީތިކަން ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ހެދުމެކެވެ.

އާލިއާގެ މި ލުކް ފުރިހަމަކުރުމަށް އޭނާ އިހުތިޔާރުކުރީ ވަރަށް އާދައިގެ ނަމަވެސް ފުރިހަމަ މޭކަޕެކެވެ. އިސްތަށިގަނޑު އޮތީ މަޑު "މެސީ ބަން"އެއް ޖަހައިފަ އެވެ. ގަހަނާގެ ގޮތުގައި އޭނާ ބޭނުންކުރީ ޗޮޕާޑް ބްރޭންޑްގެ ޔެލޯ ޑައިމަންޑް ގަހަނާ އެވެ.

އާލިއާ އޭނާގެ އިންސްޓަގްރާމްގައި މި ފޮޓޯތައް ހިއްސާކުރުމާ އެކު، ސަޕޯޓަރުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ބައެއް މީހުން އޭނާ ސިފަކުރީ "ރިއަލް ލައިފް ސިންޑްރެއްލާ"އެއްގެ ގޮތުގަ އެވެ. އަދި އަނެއް ބަޔަކު ވަނީ އޭނާގެ މި ފެނިލުމަކީ ކާންސްގެ ތާރީހުގައި ވެސް ފެނުނު އެންމެ ރީތި އެއް ލުކް ކަމަށް ބުނެފަ އެވެ.

އާލިއާގެ ފުރަތަމަ ފެނިލުމަށް ފަހު، ރެޑް ކާޕެޓްގައި އޭނާ ދެވަނައަށް ފެނުނީ ވަރަށް ތަފާތު، ނަމަވެސް އެހާމެ ރީތި، "ޕީޗް" ކުލައިގެ ހެދުމެއްގަ އެވެ. އެއީ މަޝްހޫރު ލަގްޒަރީ ބްރޭންޑް ތަމާރާ ރެލްފްގެ ކަސްޓަމް ކޯޗާ ގައުންއެކެވެ. 

އެއީ ހަށިގަނޑަށް ބާރުކޮށް ފަރުމާކޮށްފައިވާ، "ސްޓްރެޕްލެސް" ހެދުމެކެވެ. އެ ހެދުމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ އަތުގެ ވަށައިގެން އޮޅާލެވިފައިވާ، ފަހަތަށް ދެމިފައި އޮތް "ޝިފޯން ޑްރޭޕް" އެވެ. އޭގެ ސަބަބުން ހެދުމަށް ވަރަށް "ސިނެމެޓިކް" އަދި ހިތްގައިމު ސިފައެއް ގެނެސްދެ އެވެ.

އާލިއާގެ އެ ލުކް ފުރިހަމަކޮށްދިނީ ވަރަށް އަގުބޮޑު އަދި ތަފާތު މުރަކަ އާއި ޖަވާހިރު ހިމެނޭ ހާރަކުންނެވެ. މީގެ އިތުރުން އޭނާ ވަނީ ޗޮޕާޑް ބްރޭންޑްގެ އިތުރު ގަހަނާ ބޭނުންކޮށްފަ އެވެ. 

މިއީ އާލިއާ ކާންސް ފިލްމު ފެސްޓިވަލްގައި ބައިވެރިވި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު އޭނާ ފެނުނީ ޕާލްސް ނުވަތަ މުތް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ހުދުކުލައިގެ ހެދުމެއްގަ އެވެ.