ފުރަމޭގެ ކެންސަރާ ހަނގުރާމަ ކުރަމުން އަންނަ އިންޑިއާގެ ޓީވީ ތަރި ދީޕިކާ ކައްކަރު އިމިއުނޯތެރަޕީ ފަށާފައިވާ ކަމަށް އޭނާގެ ފިރިމީހާ އަދި އެކްޓަރު ޝުއައިބު އިބްރާހީމް އިއްޔެ ބުނެފި އެވެ.

ޝުއައިބު އޭނާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ހިއްސާކުރި ވީޑިއޯއެއްގައި ބުނީ މުމްބާއީގެ އެޗްއެން ރިލަޔަންސް ހޮސްޕިޓަލުގައި ދީޕިކާގެ ފުރަތަމަ އިމިއުނޯތެރަޕީ ސެޝަން މިދިޔަ ހުކުރު ދުވަހު ނިންމާލާފައިވާ ކަމަށެވެ. އެ ސެޝަންއަށް ގާތްގަނޑަކަށް 3-4 ގަޑިއިރު ހޭދަވި ކަމަށް އޭނާ ބުންޏެވެ.

އިމިއުނޯތެރަޕީއަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްގެން ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ފަރުވާއެކެވެ. 

ދީޕިކާގެ ހަށިގަނޑުން އާ ދެ ސިސްޓް ފެނިފައި ވާތީ އޭނާގެ އިތުރު ސާޖަރީއެއް ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ޝުއައިބު ވަނީ ދޮގުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި، މިވަގުތު އިތުރު އޮޕަރޭޝަނެއް ކުރަން ޑޮކްޓަރުން ލަފާދީފައެއް ނުވެ އެވެ.

ދީޕިކާ ވަނީ މީގެ ކުރިން ކެންސަރާ ގުޅުންހުރި ދެ ސާޖަރީއެއް ކޮށްފަ އެވެ. އެއީ މިދިޔަ އަހަރު ކުރި ފުރަމޭގެ ބޮޑު ސާޖަރީއަކާއި ސިސްޓެއް ނެގުމަށް މި އަހަރު ކުރީކޮޅުގައި ކުރި ސާޖަރީއެކެވެ.

ދީޕިކާގެ ބަލީގެ އިތުރުން، ޝުއައިބުގެ ބައްޕައަށް ސްޓްރޯކެއް ޖެހިގެން މުމްބާއީގެ ކޮކިލާބެން ހޮސްޕިޓަލުގައި މިދިޔަ މަހުން ފެށިގެން އަންނަނީ ފަރުވާ ހޯދަމުންނެވެ. 

ބައްޕަގެ ހާލަތާ ގުޅޭ ގޮތުން ޝުއައިބު ބުނީ ދުވަހުން ދުވަހަށް ބައްޕަގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި 10 ދުވަހަށް ފަހު ބައްޕަ ވާހަކަދައްކަން ފަށާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް ދިގު ޖުމްލަތައް ކިޔަން އުނދަގޫވާތީ ވަރަށް އަވަހަށް ސްޕީޗް ތެރަޕީ ފަށާނެ ކަމަށް އޭނާ ބުންޏެވެ. 

މި ހުރިހާ ކަމެއްގެ ސަބަބުން ޝުއައިބު އަށް އޭނާގެ ކުޑަ ދަރިފުޅު ރުހާންއާ ބައްދަލުނުވާތާ މިހާރު 15 ވަރަކަށް ދުވަސް ވެއްޖެ އެވެ. ބައްޕަ އާއި އަންހެނުން ދެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި ތިބުމުން، އެ ދެމެދުގައި ދަތުރުފަތުރު ކުރުމުގެ ފަސޭހައަކަށް ޝުއައިބު މިވަގުތު ހުންނަނީ މުމްބާއީގެ އަންދޭރީ ހިސާބުން ކުއްޔަށް ހިފާފައިވާ އެއާބީއެންބީ އެޕާޓްމަންޓެއްގަ އެވެ.

ބައްޕަ އާއި އަންހެނުން ބަލިވެ އުޅޭތީ ޝުއައިބު ތައްޔާރުކުރި އާ ލަވަ ރިލީޒްކުރުން ވެސް ވަނީ ފަސްކޮށްފަ އެވެ. ނަމަވެސް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ލަވަ ރިލީޒްކުރާނެ ކަމަށް އޭނާ ބުންޏެވެ.

ޝުއައިބު މިވަގުތު އެކްޓިންއާ ދުރުގައި ހުރި ނަމަވެސް، އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "ގަލްބް ޕްރޮޑަކްޝަންސް" އިން އަންނަނީ އާ މަސައްކަތްތައް ކުރަމުންނެވެ.