އިންޑިއާގެ ޓީވީ ތަރި އަރުޖުން ބިޖްލާނީގެ އަންހެނުން ނޭހާ ސުވާމީ ލީ ޓީޝާޓެއްގައި ކީރިތި ރަސޫލާ ﷺ ގެ ނަންފަޅު ލިޔެފައި ހުރުމުން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން އެ ދެމަފިރިން މާފަށް އެދިއްޖެ އެވެ. 

މި މައްސަލަ ހޫނުވީ، މުމްބާއީގައި ބޭއްވި ނޭހާގެ އުފަންދުވަހުގެ ހަފުލާގެ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވި ހިސާބުންނެވެ. އެ ޓީޝާޓުގައި މާތް ﷲގެ އިސްމުފުޅާއި ރަސޫލާ ﷺ ގެ ނަންފުޅު ލިޔެފައި ވާތީ، ގިނަ ބަޔަކު ވަނީ އެއީ ދީނީ އިހުސާސްތަކަށް ހުރުމަތްތެރިކޮށް ނުހިތުން ކަމަށް ބުނެ ފާޑުކިޔައިފަ އެވެ.

މި މައްސަލައާ ގުޅިގެން އަރުޖުން އާއި ނޭހާ އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޓީޝާޓަކީ ތައިލޭންޑުގެ ބެންކޮކަށް ކުރި ދަތުރެއްގައި ސަޕޯޓަރަކު އޭނާއަށް ދިން ހަދިޔާއެއް ކަމަށެވެ. އަދި އެ ޓީޝާޓުގައި ލިޔެފައިވާ އެއްޗެއްގެ މާނަ ނޭހާއަށް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށް ބުންޏެވެ.

އެއްވެސް ދީނަކަށް ކުޑައިމީސް ކުރުމުގެ ނިޔަތެއް އެމީހުންގެ ނެތް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. 

ގަސްދަކާ ނުލައި ދިމާވި މި ކަންތަކަށް ދެމަފިރިން މާފަށް އެދުނު ނަމަވެސް، ސޯޝަލް މީޑިއާގައި ނޭހާއަށް އަމާޒުވަމުންދާ އިންޒާރުތަކާއި ހަޑިހުތުރު ބަސްތަކާ މެދު އަރުޖުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނޭނގި ތިބެ ކުރެވުނު ކަމަކާ ގުޅިގެން މީހަކަށް ބުލީކޮށް އިންޒާރުދިނުމުގެ ބަދަލުގައި އިހުތިރާމާ އެކު ވާހަކައްކައިގެން މައްސަލަ ހައްލުކުރުމަށް އެ ދެމަފިރިން ވަނީ އާންމުންގެ ފަރާތުން އެދިފަ އެވެ.