އިންޑިއާގެ ޓީވީ ތަރިން ކަމަށްވާ ދިވްޔަންކާ ތުރިޕާޓީ އާއި ވިވެކް ދަހިޔާ ދިރިއުޅޭ އެޕާޓްމަންޓް ހުންނަ އިމާރާތުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ގާޑަކު މަރުވެއްޖެ އެވެ.

އެ ހާދިސާގައި މަރުވި ގާޑަކީ ދިވްޔަންކާ އާއި ވިވެކްއާ ވަރަށް ރައްޓެހި މީހެކެވެ. 

މުމްބާއީގެ އަންދޭރީ ވެސްޓްގައި ހުންނަ އެ އިމާރާތުގެ 17 ވަނަ ފުލޯގެ އެޕާޓްމަންޓެއްގައި އެ ހާދިސާ ހިނގާފައި ވަނީ ދިވާލީގެ އެއް ދުވަސް ކުރިން މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އަލިފާން ރޯވާން މެދުވެރިވީ ދިވާލީއަށް ރޯކޮށްފައި ހުރި ބައްތިއެއްގެ ސަބަބުން ކަމަށް ބެލެވެ އެވެ.

އެ ހާދިސާގައި މަރުވީ އުމުރުން 56 އަހަރުގެ ދަންޕަތު މަހާތޫ ނަމަކަށް ކިޔާ ގާޑެކެވެ. އޭނާ ހޭނެތިފައި އޮއްވާ ފެނުނީ ލިފްޓު ލޮބީ ތެރެއިންނެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެނިކޮށެވެ. 

ދިވްޔަންކާ އާއި ވިވެކް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އެރޭ އެމީހުން ބޭރަށް ދާން އުޅެފައި މާ ބޮޑަށް ލަސްވުމުގެ ސަބަބުން ގޭގައި މަޑުކުރީ ކަމަށާއި އިމާރާތުގައި ރޯވިކަން އެނގުމާ އެކު ދަރިންނާއި އާއިލާ އަދި ގޭގައި މަސައްކަތްކުރާ މީހުންނާ އެކު އަވަހަށް އިމާރާތުން ނުކުމެވުނު ކަމަށެވެ.

އެ ހާދިސާގައި އެމީހުންގެ އެޕާޓްމަންޓަށް ވެސް އެކިވަރުގެ ގެއްލުން ލިބުނެވެ. 

އެމީހުން ހީކުރީ މިކަން ވާނީ ހަމައެކަނި ބިރުވެރި ހަނދާނަކަށް ނަމަވެސް، "ދަންޕަތު އަންކަލް" މަރުވި ޚަބަރު ލިބުމުން ބޮޑު ސިހުމަކާއި ހިތާމައެއް ލިބުނު ކަމަށް ބުންޏެވެ.

އެ ދެމަފިރިން ބުނި ގޮތުގައި، އެމީހުންގެ އެއްމާބަނޑު ދެ ކުދިން ހޮސްޕިޓަލުން ގެއަށް ގެންދިޔަ ދުވަހު އެންމެ ފުރަތަމަ މަރުހަބާ ކިޔައި ހެޔޮ ދުއާކޮށްދިން އެކަކީ ދަންޕަތު ކަމަށެވެ. އޭނާއަކީ ހަމައެކަނި އިމާރާތުގެ ސެކިއުރިޓީ ގާޑެއް ނޫން ކަމަށާއި އެމީހުންނާ ވަރަށް އެކުވެރި ގާތް ގުޅުމެއް ބޭއްވި މީހެއް ކަމަށް ބުންޏެވެ.

ދިވާލީ ފާހަގަކުރަން އިންޑިއާގައި ބަޑިބޭސް ރޯކުރުމުގެ ސަބަބުން އެކި ސަރަހައްދުތަކުގެ ވައި ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާއިރު، ބައެއް ހިސާބުތަކުގައި އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިނގައިގެން ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.