އޭނާގެ ހުއްދަ ނުހޯދައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ފޭކު ފޮޓޯތައް ހަދައި އޭނާގެ ޝަހުސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވައި ދިނުމަށް އެދި "އަނުޕާމާ"ގެ ތަރި ރޫޕާލީ ގަންގޫލީ އިންޑިއާގެ ބޮމްބޭ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ނޫސްތަކުގައި ބުނީ ގާނޫނީ ވަކީލެއް މެދުވެރިކޮށް ހުށަހެޅި އެ މައްސަލާގައި ރޫޕާލީ ފާހަގަކޮށްފައި ވަނީ އޮންލައިން ވިޔަފާރިކުރާ ބައެއް ފިހާރަތަކުން އޭނާގެ ފޮޓޯ ބޭނުންކޮށްގެން ހެދުން ކަހަލަ ތަކެތި އިޝްތިހާރު ކުރަމުންދާ ކަމަށް ކަމަށެވެ. އަދި އޭނާގެ އެއްވެސް ހުއްދައެއް ނެތި، އަމިއްލަ ޕާޓީތަކާއި ޕްރޮމޯޝަންތަކަށް ރޫޕާލީ ގެންގޮސްދޭނެ ކަމަށް ބުނެ ބައެއް އޮންލައިން ބުކިން ޕްލެޓްފޯމުތަކުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ރޫޕާލީ ފާހަގަކޮށްފައި ވަނީ ޖެނެރޭޓިވް އޭއައި އަދި ފޭސް-މޯފިން ޓެކްނޮލޮޖީ ބޭނުންކޮށްގެން އޭނާގެ މޫނު ހަޑިހުތުރު އަދި ބަރަހަނާ މަންޒަރުތަކަށް އަރުވައިގެން "ސީއާޓް އޭއައި" އާއި "ރެޑިޓް" ކަހަލަ ޕްލެޓްފޯމުތަކުގައި ދައުރުކުރަމުންދާ މައްސަލަ އެވެ.

މިފަދަ ދަށުދަރަޖައިގެ އަމަލުތަކުގެ ސަބަބުން އެތައް އަހަރެއް ވަންދެން މަސައްކަތްކޮށްގެން ބިނާކުރި އޭނާގެ އަބުރާއި އިއްޒަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ކޯޓަށް ހުށަހެޅި މައްސަލާގައި އޭނާ ބުނެފައިވެ އެވެ. 

މި މައްސަލާގައި ރޫޕާލީ ވަނީ ގޫގުލް، ރެޑިޓް، ސީއާޓް އޭއައި އަދި އިންޑިއާގެ އައިޓީ މިނިސްޓްރީ ހިމެނޭހެން 18 ފަރާތަކާ ދެކޮޅަށް ދައުވާ އުފުލައި، އެފަދަ ހުރިހާ ލިންކުތަކާއި ފޮޓޯތައް އިންޓަނެޓުން ވަގުތުން ނަގައިދިނުމަށް (ޓޭކްޑައުން އަމުރެއް) ކޯޓުން ނެރެދިނުމަށް އެދިފަ އެވެ. އަދި ހުއްދަ ނެތި ވިޔަފާރިގެ ބޭނުމަށް އޭނާގެ ނަމާއި ފޮޓޯ ބޭނުންކުރުން ހުއްޓުވުމުގެ އަމުރަކަށް ވެސް ވަނީ އެދިފަ އެވެ.

އޭއައި ބޭނުންކޮށްގެން ފޭކު ފޮޓޯތައް ހަދައި، ޝަހުސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލާގައި އިންޑިއާގެ އެތައް ތަރިންނެއް ވަނީ ކޯޓުތަކަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ ކަހަލަ ބައެއް މައްސަލަތަކުގައި ކޯޓުން ވަނީ ތަރިން އެދުނު ގޮތަށް އެމީހުންގެ ނަމާއި ފޮޓޯ ނަހަމަ ގޮތުން ބޭނުންކުރުން މަނާކޮށް އަމުރުތައް ވެސް ނެރެފަ އެވެ.