މަޝްހޫރު ހިންދީ ޑްރާމާ "ގުބޫލް ހޭ" އިން ގިނަ ބައެއްގެ ލޯބި ހޯދި އެކްޓްރެސް ސުރްބީ ޖިއޯތީ އާއި އޭނާގެ ފިރިމީހާ ސުމިތު ސޫރީއަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

ސުރްބީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް މި އުފާވެރި ޚަބަރު ހިއްސާކުރަމުން ބުނެފައި ވަނީ، އެ ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބުނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އެމީހުންގެ ހިތްތައް ވަނީ ލޯތްބާއި ޝުކުރުވެރިކަމުން ފުރިފައި ކަމަށް ވެސް ބުނެފައިވެ އެވެ.

މި ޚަބަރާ އެކު، ޓީވީ ތަރިން ކަމަށްވާ ހީނާ ޚާން އާއި އަރުޖިތު ތަނޭޖާގެ އިތުރުން ގިނަ އަދަދެއްގެ ފޭނުން ވަނީ ސުރްބީއަށް މަރުހަބާ ކިޔައި، ދަރިފުޅަށް އުފާވެރި މުސްތަގުބަލަކަށް އެދިފަ އެވެ.

ސުރްބީ އާއި ސުމިތު ކައިވެނިކުރީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާގެ އުއްތަރާހަންޑްގެ ރިސޯޓެއްގަ އެވެ. އެމީހުންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

މީގެ ކުރިން ދިން އިންޓަވިއުއެއްގައި ސުރްބީ ބުނެފައި ވަނީ ބަލިވެއިން ދުވަސްވަރު އޭނާގެ މަންމަ އާއި ދޮންމަންމަގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ. އަދި އާންމުކޮށް ބަލިވެއިނުމުން އަންނަ މޫޑު ބަދަލުވުން ފަދަ ކަންކަން އޭނާއަށް ދިމާނުވާ ކަމަށާއި ކެއުމުގެ އާދަތަކަށް ވެސް މާބޮޑު ބަދަލެއް ނާންނަ ކަމަށް އޭނާ ބުނެފައިވެ އެވެ.

ސުރްބީ އަކީ "ގުބޫލް ހޭ"ގެ ޒޯޔާގެ ރޯލުގެ އިތުރުން "ނާގިން 3"ގެ ބޭލާގެ ރޯލުން ގިނަ ބައެއްގެ ލޯބި ހޯދި، އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެއް އެކްޓްރެސް އެވެ.