ބޮލީވުޑްގެ ސެލެބްރިޓީ ކަޕުލް ކިއާރާ އަދްވާނީ އާއި ސިދާތު މަލްހޯތުރާއަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު އިއުލާންކޮށްފި އެވެ.

މި އުފާވެރި ޚަބަރު އެ ދެމަފިރިން ހިއްސާކުރީ އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯއަކާ އެކުގަ އެވެ.

އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއިން ކިއާރާ އާއި ސިދާތުގެ އިތުރުން އެމީހުންގެ ދޮށީ ދަރިފުޅު ސަރާޔާ އަތްތިލަ ފެނެ އެވެ. އެ ފޮޓޯގައި ފެންނަނީ އެ ތިން މީހުންގެ އަތްމަތީގައި ތުއްތު ކުއްޖެއްގެ އަންނައުނެއް ބާއްވައިފައި އޮތް ތަނެވެ. ފުރަތަމަ ދަރިފުޅުގެ ޚަބަރު ވެސް އެމީހުން އިއުލާންކުރީ ހަމަ މި ކަހަލަ ފޮޓޯއަކާ އެކުގަ އެވެ. 

އެ ފޮޓޯއާ އެކު ކިއާރާ ކުރި ޕޯސްޓުގައި ބުނެފައި  ވަނީ އެންމެ ބޮޑު ނިއުމަތާ އެކު އަނެއްކާވެސް ބޮޑު އުފަލެއް ލިބިއްޖެ ކަމަށާއި، އެމީހުންގެ ހިތްތައް ލޯތްބާއި ޝުކުރުވެރިކަމުން ފުރިފައިވާ ކަމަށެވެ.

މި ޚަބަރާ އެކު ފިލްމީ ދާއިރާގެ ގިނަ ފަންނާނުންނާއި ސަޕޯޓަރުން އަންނަނީ ސިދާތުގެ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

ކިއާރާ އާއި ސިދާތު ކާވެނިކުރީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އަދި އެމީހުންގެ ފުރަތަމަ ދަރިފުޅު ސަރާޔާ އުފަންވީ މިދިޔަ އަހަރު ޖުލައި މަހު އެވެ.