އިންޑިއާގެ އެކްޓްރެސް ސަމަންތާ ރޫތު ޕްރަބޫ އާއި އޭނާގެ ފިރިމީހާ އަދި ޑައިރެކްޓަރު ރާޖް ނިދިމޯރޫއަށް އަލަތު ދަރިފުޅު ލިިބިއްޖެ އެވެ.
ސަމަންތާ އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، އެ ދެމަފިރިންނަށް ފިރިހެން ކުއްޖަކު ލިބިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ތުއްތު ދަރިފުޅުގެ ކުޑަކުޑަ އިނގިލީގައި އެ ދެމަފިރިން ހިފަހައްޓައިގެން ތިބޭ ފޮޓޯއަކާ އެކު ދަރިފުޅުގެ ނަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.
"އަހަރެމެންގެ ލޯބިވާ ފިރިހެން ދަރިފުޅު، ދޭވް ނިދިމޯރޫ. މިއީ އަހަރެމެންގެ ހިތްތަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އުފާ،" ސަމަންތާ އާއި ރާޖްގެ ނަމުގައި ލިޔެފައިވާ އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ސަމަންތާ ބަލިވެއިންކަން އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ ޖޫން މަހު ހައިދަރުއާބާދުގައި ބޭއްވި އޭނާގެ ތެލުގޫ ފިލްމު "މާ އިންޓި ބަންގާރަމް"ގެ ކާމިޔާބީ ފާހަގަކުރުމުގެ ހަފުލާގަ އެވެ.
އެ ހަފުލާގައި ސަމަންތާ ބުނެފައި ވަނީ އެ ފިލްމުގެ މަސައްކަތްތަކަށް ފަހު ވިހައި ގަދަވަންދެން ފިލްމީ މަސައްކަތްތަކުން ކުޑަ ބްރޭކެއް ނަގާނެ ކަމަށާއި ވިހެއުމަށް ފަހު އަލުން އެނބުރި ސަޕޯޓަރުންނާ ބައްދަލުކުރާނެ ކަމަށެވެ.
މަޝްހޫރު ވެބް ސީރީޒް "ދަ ފެމިލީ މޭން 2" އަދި "ސިޓަޑެލް: ހަނީ ބަނީ"ގައި އެކުގައި މަސައްކަތްކުރި ސަމަންތާ އާއި ރާޖް ކާވެނިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކޮއިމްބަތޫރުގަ އެވެ.
މި އުފާވެރި ޚަބަރާ އެކު ތަމަންނާ ބާޓިއާ އާއި ވަރުން ދަވަން ކަހަލަ އިންޑިއާގެ ފިލްމީ ދާއިރާގެ ތަރިންނާއި އެތައް މިލިއަން ސަޕޯޓަރުންނެއް އަންނަނީ ސަމަންތާ އާއި ރާޖްއަށް މަރުހަބާ ކިޔަމުންނެވެ.