އިންޑިއާގެ މަޝްހޫރު އެކްޓްރެސް ސަމަންތާ ރޫތު ޕްރަބޫ އާއި އޭނާގެ ފިރިމީހާ އަދި ފިލްމު އުފެއްދުންތެރިޔާ ރާޖު ނިދިމޯރޫއަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި އުފާވެރި ޚަބަރު މީޑިއާއަށް ތިލަވެފައި ވަނީ ވަރަށް ސިއްރު އަދި ކުޑަ ހަފުލާއެއް ބާއްވައި އެ ދެމީހުން ކައިވެނިކުރިތާ ހަ މަސްދުވަސް ވެފައި ވަނިކޮށެވެ. ސަމަންތާ އާއި ރާޖު ކައިވެނިކުރީ މިދިޔަ ޑިސެމްބަރު މަހު އެކެއްގައި ކޮއިމްބަތޫރުގެ އިޝާ ޔޯގާ ސެންޓަރުގައި ހުންނަ ފައްޅިއެއްގަ އެވެ.
"ހިންދުސްތާން ޓައިމްސް"އަށް މައުލޫމާތު ދެމުން އެމީހުންނާ ގާތް މީހަކު ބުނީ މި ޚަބަރަކީ ތެދެއް ކަމަށާއި ދެމަފިރިން ވެސް ތިބީ މި އާ ފެށުމާ މެދު ވަރަށް އުފަލުން ކަމަށެވެ. އަދި ވަރަށް އަވަހަށް މި ޚަބަރު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް އެ މީހާ ބުންޏެވެ.
ސަމަންތާ ބަލިވެއިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ދެކެވެން ފެށީ، އޭނާ މަގުމަތިން ހިނގާފައި ދަނިކޮށް ނަގާފައިވާ ވީޑިއޯއެއް އާންމުވެ، އޭނާގެ ބަނޑު ހުރި ގޮތުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުމުންނެވެ.
ސަމަންތާ އާއި ރާޖު އެކުގައި ފުރަތަމަ މަސައްކަތް ކުރަން ފެށީ މަޝްހޫރު ވެބް ސީރީޒް "ދަ ފެމިލީ މޭން"ގަ އެވެ. އޭގެ ފަހުން "ސިޓަޑެލް: ހަނީ ބަނީ"ގައި ވެސް އެކުގައި މަސައްކަތް ކޮށްފައިވެ އެވެ. މި މަސައްކަތްތަކުގެ ތެރެއިން އުފެދުނު ގާތްކަން ކައިވެންޏަކާ ހަމައަށް ދިޔައިރު، އެމީހުންގެ ގުޅުން މީޑިއާއަށް ސިއްރުކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ.
ސަމަންތާގެ އެންމެ ފަހުގެ ފިލްމު "މާ އިންޓީ ބަންގާރަމް" އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް އަދި ރަނގަޅު ރިވިއުތަކެއް ވެސް އަންނަނީ ލިބެމުންނެވެ.