ސޯޝަލް މީޑިއާގައި އަމާޒުވަމުންދާ ފުރައްސާރަ އާއި އަބުރު ކަތިލުމުގެ ގޮތުން ފަތުރަމުންދާ ދޮގު ވާހަކަތަކާއި ބަދަލުކޮށްފައިވާ (މެނިޕިއުލޭޓެޑް) ސްކްރީންޝޮޓްތަކާ ގުޅިގެން، ދެކުނު އިންޑިއާގެ މަޝްހޫރު ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާ އާއި އޭނާގެ އަންހެނުން ރަޝްމިކާ މަންދަންނާގެ ޓީމުން ހައިދަރުއާބާދުގެ ފުލުހުންގެ ސައިބާ ކްރައިމް ޔުނިޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެ ދެމަފިރިން ތަމްސީލުކުރާ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ފާޑުކިޔުންތަކަށް ވެސް އެމީހުން ފުރިހަމައަށް އިހުތިރާމްކުރާ ކަމަށެވެ.

ނަމަވެސް އަމިއްލަ ހިޔާލު ފާޅުކުރުމާއި، ގަސްދުގައި ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފެތުރުމުގައި މާ ބޮޑު ތަފާތެއް ވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި މިއީ ބަޔަކު ފައިސާ ދީގެން އެ ދެމަފިރިންނާ ދެކޮޅަށް ރާވައިގެން ހިންގާ ހަރަކާތެއްތޯ ބަލައި ތަހުގީގުކޮށްދިނުމަށް ވެސް ޕޮލިހުގައި އެދިފައިވާ ކަމަށް ބުންޏެވެ. 

މި މައްސަލަ ބޮޑުވީ މި ދެމަފިރިން އެކުގައި ބައިވެރިވި "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑަށް ފަހުގަ އެވެ.

އެ އެޕިސޯޑުގައި އެމީހުންގެ ކާވެންޏާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ވިޖޭ އާއި ރަޝްމިކާގެ ގުޅުމާ މެދު ސުވާލު އުފައްދައި، ބުލީކޮށް ހަޑިހުތުރު ބަސްތައް ރައްދުކުރަން ފަށައިފަ އެވެ. އަދި ވިޖޭއަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް ކަމަށާއި، އޭނާ ރަޝްމިކާ ދެކެ ހަގީގީ ލޯބި ނުވާ ކަމަށް ބުނެ ވެސް މީހުން އެކި ވާހަކަތައް ދައްކާފައިވެ އެވެ. 

މި ފާޑުކިޔުންތަކާ ގުޅިގެން ރަޝްމިކާ ވަނީ 8 ސަފުހާގެ ބޮޑު ބަޔާނެއް ނެރެ، އޭނާގެ ފިރިމީހާ އާއި އާއިލާގެ ދިފާއުގައި ވާހަކަދައްކައިފަ އެވެ. އަދި ވިޖޭ ވެސް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއްކޮށް، އެމީހުން އުޅެނީ އުފަލުގައި ކަމަށާއި އެމީހުންގެ ދިރިއުޅުމަށް ގޮތް ކިޔަން އުޅޭ މީހުންނަށް އެއްވެސް އިހުތިރާމެއް ނެތް ކަމަށް ބުނެ ހަރުކަށި އިބާރާތުން ރައްދުދީފަ އެވެ.