ދެކުނު އިންޑިއާގެ މަޝްހޫރު ތަރިން ކަމަށްވާ ވިޖޭ ދޭވަރަކޮންޑާ އާއި އޭނާގެ އަންހެނުން ރަޝްމިކާ މަންދަންނާ، އިންޑިއާގެ ތެލަންގާނާ ސްޓޭޓްގެ ސަރުކާރު ސުކޫލުތަކުގައި ކިޔަވާ 180 ދަރިވަރަކަށް ސްކޮލަޝިޕް ދީފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ދެ ތަރިން ވަނީ ތެލަންގާނާގެ އަޗަމްޕެޓް މަންޑަލްގައި ހިމެނޭ ތުމަންޕެޓް އަވަށަށް ޒިޔާރަތްކޮށް، އެ ސަރަހައްދުގެ ސަރުކާރު ސުކޫލުތަކުން ފާހަގަކޮށްލެވޭ ފަދަ މޮޅު ނަތީޖާތަކެއް ހޯދި ދަރިވަރުންނާ ބައްދަލުކޮށް، އެ ކުދިންގެ އަގުވަޒަންކޮށްފަ އެވެ. ތުމަންޕެޓް އަވަށަކީ ވިޖޭގެ ބައްޕަ އުފަން އަވަށެވެ. 

މިދިޔަ ފެބްރުއަރީ މަހު 26 ގައި ކައިވެނިކުރި މި ދެމަފިރިން މި ސްކޮލަޝިޕް ޕްރޮގްރާމް ކުރިއަށް ގެންދަނީ ވިޖޭގެ އާއިލާގެ "ދަ ދޭވަރަކޮންޑާ ފައުންޑޭޝަން"ގެ ދަށުންނެވެ.

އެ ސްކޮލަޝިޕްތައް ހާއްސަކޮށްފައި ވަނީ އެ ސަރަހައްދުގެ ސުކޫލުތަކުގެ ގްރޭޑު 9 އަދި 10 ގައި ކިޔަވާ، ބުރަކޮށް މަސައްކަތްކުރާ ކުދިންނަށް ކަމަށާއި އޭގެ މައިގަނޑު މަގުސަދަކީ ކިޔެވުމުގެ މުހިންމު މަރުހަލާއެއްގައި ކުދިންނަށް މާލީ ހުރަހެއްނެތި ތައުލީމު ހާސިލްކުރުމަށް އެހީތެރިވުން ކަމަށް ރިޕޯޓްތައް ބުންޏެވެ.

ކުދިންނާ ބައްދަލުކުރުމަށް ބޭއްވި ހަފުލާގައި ވިޖޭ ބުނީ މިއީ އޭނާގެ ކެރިއަރުގައި އާންމުންގެ ފަރާތުން ލިބުނު ލޯތްބާއި އެއްބާރުލުމަށް ބަދަލެއް ދިނުމުގެ ގޮތުންނާއި ކުދިންގެ އަހުލާގާއި ކިޔެވުމަށް ބަހައްޓާ ސަމާލުކަން ފާހަގަކުރުމަށް ކުރާ ކަމެއް ކަމަށެވެ. އަދި އޭނާގެ އަމިއްލަ އަަވަށުން ފެށި މި ހަރަކާތް މަޑުމަޑުން މުޅި ތެލަންގާނާ ސްޓޭޓަށް ފުޅާކުރުމަކީ އޭނާގެ ހުވަފެނެއް ކަމަށް ވެސް ވިޖޭ ބުންޏެވެ. 

އެ ހަފުލާގައި ރަޝްމިކާ ބުނީ ވިޖޭގެ ބައްޕަގެ އުފަން އަވަށުގައި މިފަދަ ހެޔޮކަމެއް ފެށުމުން ވަރަށް ބޮޑަށް އުފާވާ ކަމަށާއި ދަރިވަރުން ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާ ކަމަށެވެ.

ވިޖޭ އާއި ރަޝްމިކާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު، "ގީތާ ގޯވިންދަމް" އަދި "ޑިއާ ކޮމްރޭޑް"އަށް ފަހު، މި ދެމަފިރިން އެކުގައި ފެންނާނެ ތިންވަނަ ފިލްމު "ރަނަބާލީ" އަންނަ ސެޕްޓެމްބަރު 11 ގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.