ކައިވެނިކުރާނީ އަމިއްލަ އެދުމުން ފޯވެފައި ނުވާ އަދި ކައްކަން އެނގޭ މީހަކާ ކަމަށް އިންޑިއާގެ ޒުވާން އެކްޓްރެސް ސައީ ޕައްލަވީ ބުނެފި އެވެ.
ސައީ އެހެން ބުނީ ސޮނީ ޓީވީން ގެނެސްދޭ އަމީތާބް ބައްޗަން ހޯސްޓްކުރާ ކުއިޒް ޝޯ "ކޯން ބަނޭގާ ކްރޯޑްޕަތީ" (ކޭބީސީ 18) ގެ އެޕިސޯޑެއްގައި ބައިވެރިވެ، އަމީތާބް ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ. އެ އެޕިސޯޑުގައި ސައީ ބައިވެރިވީ އޭނާގެ ކުރިއަށް އޮތް ބޮޑު ފިލްމު "ރަމާޔާނާ: ޕާޓް 1" ގެ ކޯ-ސްޓާރު ކަމަށްވާ ރަންބީރު ކަޕޫރު އަދި ރަވީ ދުބޭއާ އެކުގަ އެވެ.
އަމީތާބް ކުރި ސުވާލަށް ޖަވާބުދެމުން ސާއީ ބުނީ އޭނާ ކައިވެނިކުރާ މީހަކީ އިންސާނިއްޔަތުކަން ހުރި ރަނގަޅު މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އަމިއްލަ އެދުން ބޮޑު މީހަކަށް ނުވުމާ އެކު، އަމިއްލަ ނަފްސާއި އަމަލުތަކާ މެދު ވިސްނާ ފިކުރުކުރާ މީހަކަށް ވާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
ސައީ ބުނީ އިންސާނަކަށް ވީތީ ކުށް ކުރެވޭނެ ކަމަށާއި ނަމަވެސް، އެ ކުށުގެ ޒިންމާ އެހެން މީހުންގެ ބޮލުގައި ނާޅުވައި، އަމިއްލައަށް ކުށަށް އިއުތިރާފުވެ އެކަން ރަނގަޅުކުރަން މަސައްކަތްކުރާ މީހަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ހިނިތުންވުމާ އެކު ސައީ ބުނީ، އޭނާ އިންނަ މީހަކީ ކައްކަން އެނގޭ މީހެއް ނަމަ ވަކިން ބޮޑަށް ރަނގަޅުވާނެ ކަމަށެވެ.
ނިތޭޝް ތިވާރީ ޑައިރެކްޓްކުރާ، ހިންދޫންގެ މިތޮލޮޖީއެއްގެ ވާހަކަ ކިޔައިދޭ 4،000 ކުރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ "ރަމާޔާނާ" ފްރެންޗައިޒްގެ ފުރަތަމަ ފިލްމުގައި ސައީ ކުޅެނީ ލީޑް ރޯލެކެވެ.
އަންނަ މަހު ފަހެއްގައި ޕްރިމިއާކުރާ އެ ފިލްމަކީ އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ފިލްމެވެ.