"ދަ ކެރަލާ ސްޓޯރީ 2" ރިލީޒްކުރުން ހުއްޓުވުމަށާއި އެ ފިލްމަށް ދީފައިވާ ސެންސާ ސެޓްފިކެޓް ބާތިލުކުރުމަށް އެދި ކެރަލާގެ ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ކޯޓަށް އެ މައްސަލަ ހުށަހެޅީ ކަންނޫރަށް ނިސްބަތްވާ މީހެކެވެ. އަދި މި މައްސަލައާ ގުޅިގެން ހައި ކޯޓުން ވަނީ އިންޑިއާގެ ފިލްމު ސެންސަރު ބޯޑު، ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓްފިކޭޝަން (ސީބީއެފްސީ) އަށް ނޯޓިސް ފޮނުވައިފަ އެވެ.
މި ފިލްމުގެ ޓްރެއިލާ އާންމުކުރުމާ އެކު، ކެރަލާގެ މަލަޔާލީންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އޭގެ ތެރޭގައި ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރާއީ ވިޖަޔަން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނި ގޮތުގައި، މި ފިލްމުގައި ކެރަލާ ސިފަކޮށްދީފައި ވަނީ ވަރަށް ދަށު ދަރަޖައިގެ ތަނެއްގެ ގޮތުގަ އެވެ. މިއީ ދީނީ އަދި ސަރަހައްދީ ގޮތުން ނުތަނަވަސްކަން އުފެދި، އާންމު ހަމަނުޖެހުމަށް މަގުފަހިވެދާނެ ފިލްމެއް ކަމަށް ވެެސް ބުނެފައިވެ އެވެ.
މި މައްސަލައިގެ އަޑުއެހުންތައް އަންނަ އަންގާރަ ދުވަހަށް ތާވަލުކޮށްފައިވާއިރު، މި ފިލްމު ރިލީޒްކުރުމަށް ހަމަޖައްސާފައި ވަނީ މި މަހު 27 ގަ އެވެ.
މި ފިލްމަކީ "ދަ ކެރަލާ ސްޓޯރީ"ގެ ފުރަތަމަ ފިލްމު ވެސް ގެނެސްދިން ޓީމުން އުފައްދާ ފިލްމެކެވެ. އެ ޓީމުން ބުނެފައިވާ ގޮތުގައި، ފުރަތަމަ ފިލްމެކޭ އެއްގޮތަށް މި ފިލްމަކީ ވެސް ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ދައްކާނީ ދެކުނު އިންޑިއާގައި ހިންދޫ އަންހެނުން އިސްލާމީ ހަރުކަށި ފިކުރުގެ ތެރެއަށް ވައްދާ ގޮތް ކަމަށް އެމީހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް މި ފިލްމު އުފައްދާ ސަންޝައިން ޕިކްޗާސްއަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފިލްމުގެ ޕްރޮޑިއުސަރު ވިޕުލް ޝާހް ބުނެފައި ވަނީ މިއީ ހަގީގީ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ ފިލްމެއް ކަމަށާއި މިއީ ހަގީގަތްތޯ ނުވަތަ ޕްރޮޕެގެންޑާ ފިލްމެއްތޯ ނިންމާނީ ބެލުންތެރިން އަމިއްލައަށް ކަމަށެވެ.
"ދަ ކެރަލާ ސްޓޯރީ"ގެ ފުރަތަމަ ފިލްމަކާ ގުޅިގެން ވެސް އިންޑިއާގެ ގިނަ ދެބަސްވުންތަކެއް ހިނގި އެވެ.