މާދަމާ އިން ފެށިގެން އިންޑިއާގެ ހުރިހާ ފިލްމުތަކެއްގައި ސަބްޓައިޓަލް ހިމެނުން އެ ގައުމުގެ ފިލްމު ސެންސަރު ބޯޑުން މަޖުބޫރުކޮށްފި އެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އިން މިހާރު ވަނީ ސެޓިފިކެޓް ހޯދުމަށް ހުށަހަޅާ ހުރިހާ ފިލްމެއްގައި ސަބްޓައިޓަލް ހިމެނުން މަޖުބޫރުކޮށްފަ އެވެ. 

މާދަމާ އިން ފެށިގެން މި އާ އުސޫލަށް އަމަލުކުރާއިރު، ފިލްމުތަކުގައި ސަބްޓައިޓަލް ހިމެނުމުގެ އިތުރުން، ބައެއް ހާލަތްތަކުގައި "އޯޑިއޯ ޑިސްކްރިޕްޝަން" ވެސް ހިމަނަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ސީބީއެފްސީން ބުނީ މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ އަޑުއިވުމުން މަހްރޫމްވެފައިވާ މީހުންނާއި ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް ފަސޭހައިން ފިލްމުތައް ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުން ކަަމަށެވެ. މިއީ އިންޑިއާގެ "ރައިޓްސް އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީސް އެކްޓް 2016" ގާނޫނުގެ ދަށުން ނިންމި ނިންމުމެއް ކަމަށް އެ އިދާރާއިން ބުންޏެވެ. 

މި ނިންމުމުގެ ސަބަބުން އިންޑިއާގެ އެކި ބަސްބަހުން އުފައްދާ ރީޖަނަލް ފިލްމުތައް އެހެން ސަރަހައްދުތަކުގެ މީހުންނަށް ބަލާލުމަށް ފަސޭހަވާނެ ކަމަށާއި، ތެލެގޫ ނުވަތަ ތަމަޅަ ފިލްމުތައް ހިންދީ ބަހުން ޑަބް ކުރަންދެން މަޑުނުކޮށް، ސަބްޓައިޓަލްގެ އެހީގައި ބަލާލެވޭނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.

މި ނިންމުމަށް އިންޑިއާގައި ގިނަ ބަޔަކު މަރުހަބާ ކިޔަމުން އަންނައިރު، ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. ކަންބޮޑުވުން ފާޅުކުރާ މީހުން ބުނާ ގޮތުގައި ފިލްމު ބަލާއިރު ސްކްރީންގައި އަބަދު ލިޔުންތައް ހުރުމަކީ ފިލްމަށް ދޭ ސަމާލުކަން ކުޑަވެ، ފިލްމު ބަލާލުމުގެ އުފާވެރިކަން ގެއްލިދާނެ ކަމެކެވެ.

ނަމަވެސް، މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް، ކޮންމެ މީހަކަށް ވެސް ފިލްމު ބަލާލުމުގެ ފުރުސަތު ހަމަހަމަކޮށް ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.