"ދަ ކެރެލާ ސްޓޯރީ 2" އަކީ ފޫހި، ބޭކާރު ޕްރޮޕެގެންޑާ ފިލްމެއް ކަމަށް ބުނެ ބޮލީވުޑްގެ ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ. 

ކަމާކްޔާ ނާރަޔަން ސިންގް ޑައިރެކްޓްކޮށް، ވިޕުލް އަމްރުތުލާލް ޝާހް އުފައްދާފައިވާ "ދަ ކެރެލާ ސްޓޯރީ 2" އަނޫރާގް ފާޑުކިޔާފައި ވަނީ އަންނަ ހުކުރު ދުވަހު އެ ފިލްމު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅާ ދިމާކޮށެވެ.

އެ ފިލްމުގެ ޓްރެއިލާ އާންމުކުރުމާ އެކު، ގިނަ ބައެއްގެ މެދުގައި ބަހުސް އުފެދިފައި ވަނީ އޭގައި ހިމެނޭ މަންޒަރަކާ ގުޅިގެންނެވެ. އެ މަންޒަރުގައި ދައްކަނީ މުސްލިމު އާއިލާއަކުން ހިންދޫ އަންހެން ކުއްޖަކަށް ގަދަކަމުން ގެރިމަސް ކާންދޭ ތަނެވެ.

އިންޑިއާގެ ކޮޗީގައި ބޭއްވި ފިލްމްފެއާ އެވޯޑްސް ސައުތުގެ ތެރެއިން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އަނޫރާގް އިއްޔެ ބުނީ އެ ފިލްމަކީ "ބޭކާރު" އަދި ވަކި ބައެއްގެ "ޕްރޮޕެގެންޑާ" ފެތުރުމަށް ހަދާފައިވާ ފިލްމެއް ކަމަށެވެ.

"މިއީ ވަރަށް ދަށް ފެންވަރުގެ ފިލްމެއް. މިއީ ހަމަ ބުލްޝިޓް ޕްރޮޕެގެންޑާ. އެގޮތަށް ކާކުތަ ގެރިމަސް ކާންދެނީ؟ އެކަހަލަ ގޮތަކަށް މީހަކަށް ކިޗްޅީ ވެސް ކާންނުދޭނެ،" އަނޫރާގް ބުންޏެވެ.

އަނޫރާގް ތުހުމަތުކުރި ގޮތުގައި، އެ ފިލްމު އުފެއްދި މީހަކީ "ދަހިވެތި" މީހެއް ކަމަށާއި އޭނާ ބޭނުންވަނީ މީހުން ބައިބައިކޮށްގެން ފައިސާ ހޯދަން ކަމަށެވެ. 

ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރާއީ ވިޖަޔަން ވެސް ވަނީ މި ފިލްމު ކުށްވެރިކޮށް ބަޔާނެއް ނެރުއްވައިފަ އެވެ. އޭނާ ވިދާޅުވީ ކެރެލާއަކީ ދީނީ އެއްބައިވަންތަކަމުގެ ނަމޫނާ ސްޓޭޓެއް ކަމަށާއި އެ ސްޓޭޓަކީ ޓެރަރިޒަމްގެ މަރުކަޒެއްގެ ގޮތުގައި ދެއްކުމަށް ކުރާ މަސައްކަތްތައް ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި މި ކަހަލަ އެއްވެސް ހަގީގަތެއް ނެތް ޕްރޮޕެގެންޑާގެ ސަބަބުން ކެރެލާގެ ސެކިއުލާ ބިންގާ ގުޑުވާނުލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިލްމުގެ ޕްރޮޑިއުސަރު ވިޕުލް ބުނެފައި ވަނީ އެ ފިލްމަކީ އިންޑިއާގެ ޝަރުއީ ދާއިރާގައި ހިނގާފައިވާ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއް ކަމަށެވެ. މިއީ ތިން އަންހެން ކުއްޖެއްގެ ވާހަކަ ނަމަވެސް، އެއީ މުޅި އިންޑިއާގެ ހާލަތު ރަމްޒުކޮށްދޭ ފިލްމެއް ކަމަށް ވެސް އޭނާ ބުންޏެވެ. 

މި ފިލްމަށް އިންޑިއާގެ ފިލްމު ސެންސަރު ބޯޑުން ވަނީ ޔޫ/އޭ ސެޓްފިކެޓް ދީފަ އެވެ. 

މި ފިލްމަކީ 2023 ވަނަ އަހަރު ގެނެސްދިން "ދަ ކެރެލާ ސްޓޯރީ"ގެ ސީކުއެލްއެކެވެ. ފުރަތަމަ ފިލްމެކޭ އެއްގޮތަށް، މި ފިލްމުގައި ވެސް މައިގަނޑު ގޮތެއްގައި ދައްކާނީ ހިންދޫ އަންހެން ކުދިންތަކެއްގެ ދީން ބަދަލުކުރުވައި، ހަރުކަށި ފިކުރުގެ ތެރެއަށް ވައްދާ ގޮތް ކަމަށް ބުނާ ވާހަކަތަކެވެ.

"ދަ ކެރަލާ ސްޓޯރީ 2" ރިލީޒްކުރުން ހުއްޓުވުމަށާއި އެ ފިލްމަށް ދީފައިވާ ސެންސާ ސެޓްފިކެޓް ބާތިލުކުރުމަށް އެދި ކެރަލާގެ ހައި ކޯޓަށް ވެސް އަމިއްލަ މީހަކު ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވާނެ އެވެ. 

އެ ފިލްމާ ދެކޮޅަށް ކެރެލާ ސްޓޭޓުގައި ދަނީ މުޒާހަރާތައް ވެސް ބާއްވަމުންނެވެ.