ދެކުނު އިންޑިއާގެ ތަރި ޕްރަބާސްގެ ކުރިއަށް އޮތް ބޮޑު ފިލްމު "ފައުޖީ" ކުރިން ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާ ތާރީހަށް ނުނެރެވޭނެކަން ކަށަވަރުވެއްޖެ އެވެ.
ހަނޫ ރާގަވާޕުޑީ އުފައްދާ މި ތާރީހީ ހަނގުރާމަ މަތީ ފިލްމު ރިލީޒްކުރަން ކުރިން ތާވަލުކޮށްފައި އޮތީ އަންނަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު އެވެ.
މި ފިލްމު ފަސްކުރިކަން އިއުލާންކުރީ ފިލްމުގެ ޕްރޮޑިއުސަރު މައިތުރީ މޫވީ މޭކާސްގެ ރަވީ ޝަންކަރެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަމުން އޭނާ ބުނީ ފިލްމު ނެރުން ކުޑަކޮށް ފަސްވި ނަމަވެސް، މިއީ ވަރަށް ފުރިހަމަ އަދި ބޮޑު ފިލްމެއް ކަމަށެވެ. އަދި "ބާހުބަލީ" އަށް ފަހު ޕްރަބާސް މީގެ ކުރިން ނުފެންނަ ކަހަލަ ކެރެކްޓާއަކުން މި ފިލްމުން ފެންނާނެ ކަމަށާއި، މި ފިލްމަކީ ބެލުންތެރިން އުމުރަށް ހަނދާން ހުންނާނެ ކަހަލަ މޮޅު އުފެއްދުމަކަށް ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ފިލްމު ރިލީޒްކުރުން ފަސްކުރި ނަމަވެސް، ފިލްމު ދެން ނެރޭނެ ވަކި ތާރީހެއް އުފެއްދުންތެރިން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމު ދެން ސިނަމާތަކަށް އަންނާނީ އަންނަ އަހަރު ކުރީކޮޅެވެ.
އިނގިރޭސިން އިންޑިއާ އިސްތިއުމާރުކޮށްގެން އުޅުނު ދުވަސްވަރު ހިނގާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގައި ޕްރަބާސް ކުޅެނީ ސިފައިންގެ މީހެއްގެ ރޯލެވެ. މި މި ފިލްމުގެ އަންހެން ލީޑު ރޯލުން އިމާންވީ ފެންނާނެއިރު، އިންޑިއާގެ ސިނަމާގެ މަޝްހޫރު އެކްޓަރުން ކަމަށްވާ އަނުޕަމް ކޭރް އާއި މިތުން ޗަކްރަބޯތީ އަދި ޖަޔާ އަނޫޕް ވެސް މި ފިލްމުގެ މުހިންމު ރޯލުތައް ކުޅެފައިވެ އެވެ.