ދެކުނު އިންޑިއާގެ ކަންނަޑާ ސިނަމާގެ ސުޕަސްޓާރު ޔަޝްގެ އެންމެ ފަހުގެ އެކްޝަން ތުރިލާ ފިލްމު "ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން-އަޕްސް" ސިނަމާތަކުގައި އަޅުވައި، ބޮކްސް އޮފީހުގައި ފުރަތަމަ ދުވަހު ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "ކޭޖީއެފް" ސީރީޒަށް ފަހު ޔަޝް އެނބުރި ސިނަމާއަށް އައި މި ފިލްމު ވަނީ އިންޑިއާގެ ބޮކްސް އޮފީހުގައި ފުރަތަމަ ދުވަހު އެކަނިވެސް 100 ކްރޯޑު ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައި، ރެކޯޑު ހަދައިފަ އެވެ.
މި ފިލްމު އުފެއްދީ 500-1،000 ކްރޯޑު ރުޕީސް (60 މިލިއަން ޑޮލަރު)ގެ ބަޖެޓަކުންނެވެ.
މި ފިލްމަކީ ގީތޫ މޯހަންދާސް ޑައިރެކްޓްކޮށްފައިވާ ގޭންގްސްޓާރުންގެ އަނދިރި ދުނިޔެއެއް ދައްކުވައިދޭ ތުރިލާ ފިލްމެކެވެ.
ފިލްމަށް ލިބެމުން އަންނަ ބޮޑު ތަރުހީބާއެކު ވެސް، ސޯޝަލް މީޑިއާގައި މި ފިލްމާ ގުޅޭގޮތުން ބޮޑެތި ބަހުސްތަކެއް އެބަކުރެ އެވެ.
ފިލްމުގެ ދިގުމިނުގައި 194 މިނެޓު (ތިން ގަޑިއިރާއި 14 މިނެޓު) ހުރުމުން، ބައެއް ބެލުންތެރިން ވަނީ ފިލްމު މާ ދިގު ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ފިލްމުގައި ކޯ-ސްޓާރު ރުކްމިނީ ވަސަންތުއާ އެކު ޔަޝް ކުޅެފައިވާ ބައެއް ގައިގޯޅި މަންޒަރުތަކާ ގުޅިގެން ވެސް ސޯޝަލް މީޑިއާގައި ހޫނު ބަހުސެއް ވަނީ އުފެދިފަ އެވެ. މީގެ ކުރިން މުޅިން ވެސް މަޑުމައިތިރި ރޯލުތައް ކުޅެފައިވާ ރުކްމިނީގެ ފަރާތުން މިފަދަ މަންޒަރެއް ފެނުމުން އޭނާގެ ގިނަ ފޭނުން ވަނީ އެކަމާ ހައިރާންވެ، ފާޑުކިޔައިފަ އެވެ.
ނަމަވެސް، ފިލްމުގެ ވާހަކަ އާއި ކެރެކްޓާއަށް ބަލާއިރު އެއީ ބޭނުންތެރި މަންޒަރެއް ކަމަށް ބުނެ ބައެއް ސަޕޯޓަރުން ވަނީ އޭނާގެ ދިފާއުގައި ވާހަކަދައްކައިފަ އެވެ.
"ޓޮކްސިކް"އަކީ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށްވެފައި، ފިލްމުގެ އެކްޝަން މަންޒަރުތަކާއި ޔަޝްގެ އެކްޓިންއަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. ފިލްމުގެ ދިގުމިނާއި ސީންތަކާ މެދު ބަހުސްތައް ކުރި ނަމަވެސް، ކުރިއަށް އޮތް ހަފުތާ ބަންދުގައި މި ފިލްމުގެ އާމްދަނީ އިތުރަށް މައްޗަށް ދާނެ ކަމަށް ސިނަމާގެ ތަޖުރިބާކާރުން ލަފާކުރެ އެވެ.