ދެކުނު އިންޑިއާގެ ކުޅަދާނަ އެކްޓަރު ޕްރަބާސްގެ އާ ފިލްމު "ދަ ރާޖަ ސާބް"އަަށް ފުރަތަމަ ދުވަހު 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ހޮރޯ ކެމެޑީ ފިލްމު "ދަ ރާޖަ ސާބް"އަަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ފުރަތަމަ ދުވަހު އެކަނި ވެސް 112 ކްރޯޑް ރުޕީސް ވަނީ ލިބިފަ އެވެ. އިންޑިއާގެ ބޮކްސް އޮފީހުގައި ފުރަތަމަ ދުވަހު އެ ފިލްމަށް ލިބިފައި ވަނީ 54 ކްރޯޑް ރުޕީސް އެވެ. 

މިއީ، އިންޑިއާގެ ހޮރޯ ކޮމެޑީ ފިލްމަކަށް ފުރަތަމަ ދުވަހު 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރެވެ. 

"ދަ ރާޖަ ސާބް"އަކީ 400-450 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ. 

މިދިޔަ އަހަރު ނެރުނު، ޕްރަބާސް ލީޑް ރޯލެއް ކުޅުނު "ކަލްކީ 2898 އޭޑީ"އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ފުރަތަމަ ދުވަހު 191 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ. 

"ދަ ރާޖަ ސާބް"އަަށް ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް، ގިނަ ކްރިޓިކުން ފަރާތުން ފިލްމަށް ލިބިފައި ވަނީ ދަށް ރޭޓިންއެކެވެ. ރޮޓެންޓޮމާޓޯސްގައި 35 ޕަސެންޓުގެ ރޭޓިންއެއް ލިބިފައިވާއިރު، އައިއެމްބީޑީގައި ލިބިފައި ވަނީ 4.3/10 ގެ ރޭޓިންއެކެވެ. ނޫސްތަކުން ވެސް ފިލްމަށް ދީފައިވާ ރޭޓިން ވަރަށް ދަށެވެ. 

ނަމަވެސް، ފިލްމުގެ ކާމިޔާބީގެ ސިއްރަކީ ޕްރަބާސްގެ ފޭނުން ގިނަވުން ކަމަށް ރިޕޯޓްތައް ބުންޏެވެ. 

"ދަ ރާޖަ ސާބް"ގައި ޕްރަބާސްއާ އެކު، މުހިންމު ރޯލުތައް ކުޅެފައި ވަނީ ސަންޖޭ ދަތު، ބޮމަން އިރާނީ، މަލަވިކާ މޯހަނާން، ނިދީ އަގަރްވާލް، ރިދީ ކުމާރް އަދި ޒަރީނާ ވައްހާބެވެ. 

އެ ފިލްމުގައި ދައްކަނީ މީހަކު އޭނާގެ ކާފަ ގެއްލިގެން ހޯދަން އުޅުމުގެ ތެރޭގައި ފަޅަށް ހުންނަ ބޮޑު ގެއަކަށް ވަންނަތަނުން ދިމާވާ އާދަޔާ ހިލާފު ކަންތައްތަކެކެވެ.