ތަމަޅަ ސިނަމާގެ ސުޕަސްޓާރު ރަޖްނީކާންތުގެ ކާމިޔާބު ފިލްމު "ޖެއިލާ"ގެ ދެވަނަ ބައި ރިލީޒްކުރާ ތާރީޚު އިއުލާންކޮށް، އެ ފިލްމުގެ ފުރަތަމަ ޓީޒާ އިއްޔެ ދައްކާލައިފި އެވެ.
އެ ފިލްމު ޕްރޮޑިއުސްކުރާ ސަން ޕިކްޗާސް އިން ޔޫޓިއުބް މެދުވެރިކޮށް އާންމުކުރި އެއް މިނެޓަށް ވުރެ ކުރު ޓީޒާއާ އެކު އިއުލާންކޮށްފައިވާ ގޮތުގައި "ޖެއިލާ 2" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހު 15 ގަ އެވެ. މިއީ ދެކުނު އިންޑިއާގައި ފިލްމުތައް ރިލީޒްކުރަން އެންމެ މަގުބޫލު އެއް މުނާސަބަތު ކަމަށްވާ "ދަސޭރާ" ބަންދުގެ ފަސް ދުވަސް ކުރި އެވެ.
އާންމުކުރި ކުރު ޓީޒާ އިން ފެންނަނީ ކަޅު ކުލައިގެ އަގުބޮޑު ލަގްޒަރީ ކާރަކުން ރަޖްނީކާންތު ފައިބައިގެން ގޮސް، ރަންވޭއެއްގެ މެދުގައި ހުއްޓިލާ ތަނެވެ. ނަމަވެސް، އެ މަންޒަރު ވަރަށް ދުރުން ދައްކާތީ، ފިލްމުގައި ރަޖްނީކާންތު ފެންނާނެ ސީދާ ގޮތް ނުވަތަ "ފަސްޓް ލުކް" ބަލައިލުމަށް ސަޕޯޓަރުންނަށް އަދި ކުޑަ ދުވަސްކޮޅަކަށް އިންތިޒާރުކުރަން ޖެހޭނެ އެވެ.
ނެލްސަން ދިލީޕްކުމާރު ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން މިހާރު ވަނީ އެއްކޮށް ނިންމާލައިފަ އެވެ.
މީގެ ތިން އަހަރު ކުރިން 2023 ގައި ރިލީޒްކުރި "ޖެއިލާ"ގެ ފުރަތަމަ ފިލްމަކީ އެ އަހަރު ނުކުތް އެންމެ އާމްދަނީ ބޮޑު ތަމަޅަ ފިލްމުގެ އިތުރުން، ތަމަޅަ ސިނަމާގެ ތާރީޚުގައި ވެސް ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 650 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.
"ޖެއިލާ 2"ގައި ރަޖްނީކާންތުގެ އަންހެނުންގެ ރޯލުން އަނެއްކާ ވެސް ރާމްޔާ ކްރިޝްނަން ފެންނާނެ އެވެ. މީގެ އިތުރުން ޔޯގީ ބާބޫ އާއި އަލަށް މި ފިލްމާ ގުޅުނު އެސްޖޭ ސޫރިޔާ، ވިދުޔާ ބާލަން އަދި ޖަތިން ސަރްނާ ފެންނާނެ އެވެ.
ފުރަތަމަ ފިލްމުގައި މޯހަންލާލް އާއި ޖެކީ ޝްރޮފް ހާއްސަ ފެނިލުތަކުން ފެނުނުއިރު، ދެވަނަ ފިލްމުގައި މޯހަންލާލްގެ އިތުރުން ވިޖޭ ސެތުޕަތީ، މިތުން ޗަކްރަބޯތީ، ޝާހްރުކް ޚާން އަދި ރިތިކް ރޯޝަން ކަހަލަ ބޮލީވުޑް އަދި ދެކުނު އިންޑިއާގެ ވަރުގަދަ ތަރިން ވެސް ހާއްސަ ފެނިލުންތަކުން ފެންނާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.