ދެކުނު އިންޑިއާގެ ތަރި މޯހަންލާލް ލީޑް ރޯލު ކުޅޭ އަދި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި މަލަޔާލަމް ކްރައިމް ތުރިލާ ފިލްމު "ދުރިޝްޔަމް 3"އަށް ފުރަތަމަ ދުވަހު ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އިއްޔެ ރިލީޒްކުރި މި ފިލްމަށް ފުރަތަމަ ދުވަހު ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 48.37 ކްރޯޑް ރުޕީސް (5.74 މިލިއަން ޑޮލަރު) ލިބިފަ އެވެ.
ނަމަވެސް، މޯހަންލާލްގެ ފަހުގެ ފިލްމެއް ކަމަށްވާ "އެލްޓޫ: އެމްޕުރާން"ގެ ރެކޯޑް މުގުރާލެވޭ ގޮތް މި ފިލްމަށް ވަނީ ނުވެފަ އެވެ.
"ދުރިޝްޔަމް 3" އުފެއްދީ 100 ކްރޯޑް ރުޕީސް (10.4 މިލިއަން ޑޮލަރު)ގެ ބަޖެޓަކުންނެވެ.
މި ފިލްމު ރިލީޒްކުރުމުގެ ކުރިން އެޑްވާންސް ބުކިންތަކުން އެކަނިވެސް 35 ކްރޯޑް ރުޕީސް ހޯދި އެވެ. އަދި ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އިންޑިއާގެ އެކި ސިނަމާތަކުގައި 5,506 ޝޯ ދައްކައިގެން އެކަނިވެސް 15.85 ކްރޯޑް ރުޕީސް ވަނީ ލިބިފަ އެވެ.
މި ފިލްމު ރިލީޒްކޮށްފައި ވަނީ މޯހަންލާލްގެ އުފަންދުވަހާ ވެސް ދިމާކޮށެވެ.
ޖީތޫ ޖޯސެފް ޑައިރެކްޓްކޮށްފައިވާ މި ތުރިލާ ފިލްމު ތަފާތު ބަސްބަހުން ރިލީޒްކުރި ނަމަވެސް، އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މަލަޔާލަމް ވާޝަނަށެވެ.
މީގެ 13 އަހަރު ކުރިން 2013 ވަނަ އަހަރު ނުކުތް "ދުރިޝްޔަމް"ގެ ފުރަތަމަ ފިލްމު ފުރަތަމަ ކޮޅު ބޮކްސް އޮފީހުގައި ހިނގީ މަޑުމަޑުންނެވެ. ނަމަވެސް ބެލުންތެރިންގެ މެދުގައި މަގުބޫލުވެ، ފުރަތަމަ ހަފުތާ ބަންދުގައި 23 ކްރޯޑް ހޯދައި، ފިލްމު ސިނަމާތަކުން ނެގިއިރު ޖުމްލަ 62 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.
ކޮވިޑާ ގުޅިގެން "ދުރިޝްޔަމް 2" ސިނަމާތަކުގައި ރިލީޒްނުކޮށް އެމެޒޯން ޕްރައިމް ވީޑިއޯއަށް ދޫކޮށްލި އެވެ.
"ދުރިޝްޔަމް"ގެ މަގުބޫލުކަން ބޮޑުވުމާ އެކު ހެދި ބޮލީވުޑްގެ ރީމޭކްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. ފުރަތަމަ ހިންދީ ފިލްމަށް 110 ކްރޯޑް ލިބުނުއިރު، ދެވަނަ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 342 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.