"ދަ ކެރެލާ ސްޓޯރީ"ގެ ދެވަނަ ބައި އަންނަ މަހު 27 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
އެ ފިލްމު ގެނެސްދޭ ސަންޝައިން ޕިކްޗާސް ލިމިޑެޓުން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ދެވަނަ ބައިގެ ނަމަކީ "ބިޔޯންޑް ދަ ކެރެލާ ސްޓޯރީ" ކަމަށެވެ.
"ބިޔޯންޑް ދަ ކެރެލާ ސްޓޯރީ"ގެ ޓްރެއިލާ އަދި އާންމެއް ނުކުރެ އެވެ.
ދެވަނަ ފިލްމު ޑައިރެކްޓުކުރަނީ އިންޑިއާގެ ގައުމީ ފިލްމު އެވޯޑް ހޯދާފައިވާ ޑައިރެކްޓަރެއް ކަމަށްވާ ކަމަހްޔާ ނަރަޔަން ސިންގެވެ. ފުރަތަމަ ފިލްމު ޑައިރެކްޓުކުރީ ސުޑިޕްތޯ ސެން އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "ކެރެލާ ސްޓޯރީ"ގެ ދެވަނަ ފިލްމަކީ ފުރަތަމަ ފިލްމުގައި ހިނގި ކަންތައްތަކާ ގުޅޭ ފިލްމެއް ނޫނެވެ. މުޅިން އާ ކާސްޓަކާ އެކު، ދެވަނަ ފިލްމު ގެނެސްދެނީ އާ ވާހަކައަކަށް ބިނާކޮށެވެ. ނަމަވެސް، އެއީ ކުރީގެ ފިލްމާ ގުޅޭ ކަހަލަ ވާހަކައެކެވެ.
"ދަ ކެރެލާ ސްޓޯރީ" 2023 ވަނަ އަހަރު ރިލީޒްކުރުމާ އެކު، ކެރެލާ ސްޓޭޓުގެ ސަރުކާރުން އޭރު ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެ ފިލްމުގައި ކިޔައިދެނީ ކެރެލާގެ ހިންދޫ އަންހެނަކު ދީނީ ހަރުކަށި ފިކުރުގެ ތެރެއަށް ގެންގޮސް ސީރިއާއަށް ފޮނުވާލުމުން އައިސިސްއާ ގުޅެން މަޖުބޫރުވެ، އަނިޔާ ލިބޭ ވާހަކައެކެވެ.
ގިނަ ބަައެއްގެ ފާޑުކިއުން އަމާޒުވި އެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ވެސް ލިބުނެވެ. އެންމެ 15 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި އެ ފިލްމަށް 300 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.