އޭނާގެ ފުރަތަމަ ތެލުގޫ ފިލްމު "ވަރަނާސީ" އަކީ އޭނާގެ ކެރިއަރުގައި ވަރަށް މުހިންމު އަދި ކެރިއަރު މުޅިން ބަދަލުކޮށްލާނެ ފިލްމެއް ކަމަށް ބޮލީވުޑާއި ހޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.
"ވަރަނާސީ"އަކީ "އާރުއާރުއާރު" އާއި "ބާހުބަލީ" ކަހަލަ ކާމިޔާބު ފިލްމުތައް އުފެއްދި އެސް އެސް ރާޖަމޯލީގެ ކުރިއަށް އޮތް ފިލްމެވެ.
އެސޯސިއޭޓް ޕްރެސް (އޭޕީ)އަށް އިއްޔެ ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ އޭނާ އެ ފިލްމަށް ސޮއިކުރުމުގެ ކުރިން ރާޖަމޯލީ ގާތުގައި އެއް ކަމަކަށް އެދުނު ކަމަށެވެ. އެއީ އެ ފިލްމުގައި އޭނާ ނަށާ ލަވައެއް ކުޅުމުގެ ފުރުސަތު ދިނުމަށް ކަމަށް ޕްރިޔަންކާ ބުންޏެވެ.
އިންޑިއާ ފިލްމަކުން ގިނަ ދުވަސްތަކެއް ވަންދެން ނުފެނި ހުރުމަށް ފަހު، އެނބުރި އަންނައިރު ވަރުގަދަ "ޑާންސް ނަންބަރެއް" ހުށަހަޅަން ބޭނުންވާ ކަމަށް ޕްރިޔަންކާ ބުންޏެވެ.
އެ ލަވައަށް ތައްޔާރުވުމަށް މިހާރު ވެސް ބައެއް އުނދަގޫ ކޮރިއޯގްރަފީތަކެއްގެ މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
"ރަޖަމޯލީއަކީ މިވަގުތު އިންޑިއާގައި ތިބި އެންމެ މޮޅު ޑައިރެކްޓަރުންގެ ތެރެއިން އެކަކު. އެހެންވެ، އަހަރެން ދެކޭ ގޮތުގައި އޭނާގެ މި ފިލްމު ވެގެންދާނީ އަހަރެންގެ ކެރިއަރު ބަދަލުކޮށްލާނެ ފިލްމަކަށް. ވަރަށް އުފަލުން މި ހުރީ،" ޕްރިޔަންކާ ބުންޏެވެ.
"ވަރަނާސީ"ގައި ޕްރިޔަންކާ ފެންނާނީ "މަންދާކިނީ"ގެ ނަމުން ނަން ދީފައިވާ ވަރުގަދަ އަންހެން ކެރެކްޓާއެއްގެ ރޯލުންނެވެ.
މި ފިލްމުގެ ލީޑް އެކްޓަރަކީ ތެލުގޫ ސުޕަސްޓާރު މަހޭޝް ބާބޫ އެވެ. އޭނާ ކުޅެނީ "ރުދުރާ" ކިޔާ ކެރެކްޓާއެއްގެ ރޯލެވެ. އަދި ވިލަންއެއްގެ ގޮތުގައި ފެންނާނީ ދެކުނު އިންޑިއާގެ އެކްޓަރު ޕްރިތުވީރާޖް ސުކުމާރަން އެވެ.
މިއީ ވަރަށް ބޮޑު ބަޖެޓަކުން އުފައްދާ އެކްޝަން-އެޑްވެންޗާ ފިލްމެކެވެ. އަދި މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އެކި ޒަމާންތަކަށާއި އެކި ބައްރުތަކަށް ދަތުރުކުރާ ނުވަތަ ޓައިމް ޓްރެވަލް ފިލްމެއްގެ ގޮތުގަ އެވެ. އޭގެ ތެރޭގައި އެންޓާކްޓިކާއި ވަރަނާސީ އަދި ކެންޔާ ކަހަލަ ތަންތަނުގެ އިތުރުން އިހު ޒަމާނާއި މުސްތަގުބަލުގައި ހިނގާ ކަންކަން މި ފެންޓަސީ ފިލްމުގައި ފެންނާނެ އެވެ.
"ވަރަނާސީ" ޕްރިމިއާކުރަނީ އަންނަ އަހަރު އެޕްރީލް ހަތެއްގަ އެވެ.