މަޝްހޫރު ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑަކަށް ފަހު، ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަންނާއަށް ސޯޝަލް މީޑިއާގައި ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން އެ ޝޯގެ ހޯސްޓް އަދި ޑައިރެކްޓަރު ކަރަން ޖޯހަރު އެ ދެމަފިރިން ދިފާއުގައި ވާހަކަދައްކައިފި އެވެ.
"ދަ ހޮލީވުޑް ރިޕޯޓާ އިންޑިއާ" އަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ ކޮންމެ މީހަކަށް ވެސް އަމިއްލަ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ. ނަމަވެސް، ދެމަފިރިއެއްގެ ގުޅުމުގެ ތެރެއަށް ވަދެ އެމީހުން އުޅެންވީ ގޮތް ކިޔައިދޭން ފެށުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
ކަރަން ވަނީ އެ ދެމަފިރިންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަދެ، އާއިލާއަށް ބަދުބަސް ރައްދު ނުކުރަން އެދިފަ އެވެ.
"ކަލޭމެންނަކީ ކައުންސިލަރުންތަ؟ ގާނޫނީ ވަކީލުންތަ؟ ނުވަތަ އެމީހުންގެ އާއިލާގެ މެންބަރުންތަ؟ ސެލެބްރިޓީއަކާ މެދު ހިޔާލު ފާޅުކުރެވިދާނެ، އެކަމަކު އެމީހުންގެ އާއިލާގެ އަގު ވައްޓާނުލާ،" ކަރަން ވަރަށް ހިތްހަމަނުޖެހިފައި ބުންޏެވެ.
މީގެ އިތުރުން، ކަރަން ވަނީ މީގެ ކުރިން "ކޮފީ ވިތު ކަރަން"ގެ ސީޒަން 8 ގައި ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގް ބައިވެރިވުމުން އެ ދެމަފިރިންގެ ގުޅުމާ ގުޅޭ ގޮތުން އާންމުން ކިޔާފައިވާ ފާޑުކިޔުންތައް ވެސް ހަނދާން އާކޮށްފަ އެވެ.
އެފަދަ ކަންކަމަކީ ވަރަށް ދަށު ދަރަޖައިގެ އަދި ބޯދާ ވިސްނުމެއް ކަމަށް ސިފަކުރަމުން ކަރަން ބުނީ ވިޖޭ އާއި ރަޝްމިކާއަކީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ދެމަފިރިން ކަމަށާއި އެމީހުންގެ ދިރިއުޅުމުގެ ވާހަކަ ތެދުވެރިކަމާ އެކު ހިއްސާކުރުމުން އެކަމަށް ފާޑުކިޔުމުގެ ބަދަލުގައި އެކަން ބަލައިގަންނަން ޖެހޭނެ ކަމަށެވެ.
ވިޖޭ އާއި ރަޝްމިކާ ކާވެނިކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެއަށް ފަހު މިދިޔަ މަހު ކަރަންގެ ޝޯގައި އެމީހުންގެ ގުޅުމާ ބެހޭ ގޮތުން ދެއްކި ވާހަކަތަކަށް ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. އެ މައްސަލައިގައި އަމާޒުވި ފުރައްސާރަތަކާ ގުޅިގެން އެ ދެމަފިރިންގެ ޓީމުން ވަނީ ހައިދަރުއާބާދު ފުލުހުންގެ ސައިބާ ކްރައިމް ޑިޕާޓްމަންޓަށް ރަސްމީކޮށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.