ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ރާމް ޗަރަން އާއި އޭނާގެ އަންހެނުން އުޕާސަނާ ކޮނިޑޭލާ އަށް އެއްމާބަނޑު ދެކުދިން ލިބިއްޖެ އެވެ.
މި އުފާވެރި ޚަބަރު ސޯޝަލް މީޑިއާގައި ހިއްސާކުރީ ރާމް ޗަރަންގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު ޗިރަންޖީވީ އެވެ. އޭނާ ބުނި ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު އުފަންވި އެ ދެ ކުދިންނާއި މަންމަގެ ހާލު ވެސް ރަނގަޅެވެ.
ރާމް އާއި އުޕާސަނާގެ އިތުރު ކުއްޖަކު ވެސް ހުރެ އެވެ. އެއީ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު، ދެ އަހަރުގެ ކްލިން ކާރާ އެވެ.
އެއްމާބަނޑު ދެ ކުދިން ލިބެން އުޅޭކަން އުޕާސަނާ ހާމަކުރީ މިދިޔަ އަހަރުގެ ދިވާލީއާ ދިމާކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކެއްގަ އެވެ.
ޗިރަންޖީވީގެ މެސެޖުގައި އޭނާ ވަނީ މި އުފާވެރި ވަގުތުގައި ހެޔޮ ދުއާ ފޮނުވި ހުރިހާ މީހުންނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އެ ޚަބަރާ އެކު ފޭނުންނާއި ފިލްމީ ދާއިރާގެ ގިނަ ބަޔަކު އަންނަނީ ރާމްގެ ދެމަފިރިންގެ މަރުހަބާ ކިޔަމުންނެވެ.
ރާމް އާއި އުޕާސަނާ ކައިވެނިކުރީ ޖޫން 2012 ގަ އެވެ.