އިންޑިއާގެ ޓީވީ ތަރި ކްރިސްޓަލް ޑިސޫޒާ، ދުބާއީގެ ވިޔަފާރިވެރިއެއް ކަމަށްވާ އޭޕީއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

އެ ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް މީޑިއާގައި ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެފައިވާއިރު، "ހިންދުސްތާން ޓައިމްސް" އިން އިއްޔެ ވަނީ އެ ޚަބަރު ކަށަވަރުކޮށްދީފަ އެވެ.

އޭޕީއަކީ ދުބާއީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ، އަދި އަގުބޮޑު ކާރު އެއްކުރާ މީހެކެވެ. މީގެ އިތުރުން، އޭނާއަކީ ނެޓްފްލިކްސްގެ މަގުބޫލު ޝޯ "ދޭސީ ބްލިންގް" އިން ވެސް ފެނުނު، އަދި އެ ޝޯގެ ބައިވެރިޔާ ޕަމެލާ "ޕައްމީ" ސެރީނާގެ ކުރީގެ ލޯބިވެރިޔާ އެވެ.

އެ ދެމީހުންނާ ގާތް މީހަކާ ހަވާލާދީ ހިންދުސްތާން ޓައިމްސްގައި ބުނީ ކްރިސްޓަލް އާއި އޭޕީ ރައްޓެހިވެގެން އުޅޭތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި އެމީހުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށް ވެސް ބުންޏެވެ.

"މިކަން ރަސްމީކޮށް އިއުލާން ކުރަން އަދި މާ އަވަސް. އެކަމަކު ދެމީހުންގެ މެދުގައި އޮތީ ވަރަށް ވަރުގަދަ ގުޅުމެއް. އަދި އެކުގައި ވަގުތު ހޭދަކުރަނީ ވަރަށް އުފަލުން،" އެމީހުންނާ ގާތް މީހާ ބުންޏެވެ. 

މި ފަހަކަށް އައިސް ކްރިސްޓަލް ދުބާއީއަށް ކުރާ ދަތުރުތައް ވެސް ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އޭނާގެ ގާތް މީހުން ބުނާ ގޮތުގައި ކްރިސްޓަލް މިހާރު ހުރީ އަމިއްލަ ދިރިއުޅުމުގައި ވަރަށް އުފަލުގަ އެވެ. މިވަގުތު ދެމީހުން ވެސް ބޭނުންވަނީ އެ ގުޅުން ސިއްރެއްގެ ގޮތުގައި ބާއްވާށެވެ.

އެ ދެމީހުންގެ ގުޅުމުގެ ވާހަކަ ފުރަތަމަ ފެންމަތިވީ ދެމީހުން އެކުގައި ޕާޓީއަކުން ފެނުނު ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އޭގެ ފަހުން ކްރިސްޓަލް ވަނީ މީހެއްގެ އަތުގައި ހިފަހައްޓައިގެން ހުރި ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ނަމަވެސް އެ ފޮޓޯއިން އެ ފިރިހެން މީހާގެ މޫނު ވަނީ ފޮރުވައިފަ އެވެ.