އިންޑިއާގެ ޓީވީ ތަރި ޝެހެނާޒް ގިލް އާއި ނެށުންތެރިޔާ އަދި އެކްޓަރު ރާގަވް ޖުޔަލްގެ ސިއްރު ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ބުނާ އަޑުތަކެއް އަނެއްކާވެސް ފެތުރިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި އަޑުތައް މިފަހަރު ގަދަވީ އިންޑިއާގެ މުމްބާއީގައި މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ރާގަވްގެ އުފަންދުވަހުގެ ޕާޓީ ނިންމާލުމަށް ފަހު، އެ ދެމީހުން އެކުގައި ބޭރަށް ނުކުންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ޕާޓީ އޮތް ތަނުން ނުކުމެގެން ކާރަށް އެރިއިރު ޝެހެނާޒް ހުރީ ރާގަވްގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ދެމީހުން އެތަނުން ދިޔައީ ވެސް އެއް ކާރެއްގަ އެވެ.
ޝެހެނާޒް އާއި ރާގަވްގެ ލޯބީގެ ވާހަކަތައް އެންމެ ފުރަތަމަ ދެކެވެން ފެށީ 2023 ވަނަ އަހަރު ސަލްމާން ޚާންގެ ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން"ގެ މަސައްކަތް އެކުގައި ކުރި ދުވަސްވަރެވެ. އެ ފިލްމުގެ ޕްރޮމޯޝަން އިވެންޓެއްގެ ތެރެއިން ސަލްމާން ވެސް ވަނީ އެ ދެމީހުންގެ މެދުގައި ހާއްސަ "ކެމިސްޓްރީއެއް" އޮތް ކަމަށް އިޝާރާތްކޮށް ވާހަކަދައްކައިފަ އެވެ.
މި ވާހަކަތަކާ ގުޅިގެން ރާގަވް މީގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާއަކީ ސިންގަލް މީހެއް ކަމަށާއި މިވަގުތު ސަމާލުކަން ދެނީ އޭނާގެ އެކްޓިން ކެރިއަރަށް ކަމަށެވެ. އަދި އިންޓަނެޓުގައި ދެކެވޭ މިފަދަ ހަގީގަތެއް ނެތް ވާހަކަތަކަށް ވަގުތު ދޭން ބޭނުންނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ރާގަވް ވަނީ ޗުއްޓީ ހޭދަކުރަން މި މަހު ރާއްޖެ ވެސް އައިސްފަ އެވެ. އޭނާ ޗުއްޓީ ހޭދަކުރީ ރ. އަތޮޅުގައި ހެރިޓެންސް އާރަށުގަ އެވެ.
ޝެހެނާޒް ވެސް ވަނީ މީޑިއާތަކުން މިފަދަ ވާހަކަތައް ފަތުރާތީ މީގެ ކުރިން ކޮންމެ ވެސް ވަރަކަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި މީހަކާ އެކު ބޭރަށް ގޮސްލާ ނުވަތަ އެކުގައި ފޮޓޯއެއް ނަގާލުމަކީ ލޯބީގެ ގުޅުމެއް އޮތުމެއް ނޫނެވެ.
މިހާތަނަށް ދެ ފަންނާނުން ވެސް ބުނަމުން އަންނަނީ އެއީ ހަމައެކަނި ގާތް ދެ އެކުވެރިން ކަމަށެވެ. ނަމަވެސް، ފޭނުންނާއި ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެމީހުންގެ މެދުގައި އެކުވެރިކަމަށް ވުރެ ފުން ގުޅުމެއް އެބައޮތެވެ.