ބޮލީވުޑްގެ އެކްޓްރެސް ހުމާ ގުރޭޝީ އާއި އޭނާގެ ލޯބިވެރިޔާ ރަޗިިތު ސިންގް އަންނަ އޮކްޓޯބަރު މަހު ކައިވެނިކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
"ހިންދުސްތާން ޓައިމްސް"ގެ ރިޕޯޓެއްގައި ބުނީ އެމީހުންގެ ކައިވެނީގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ.
އިތުބާރު ހުރި މަސްދަރަކާ ހަވާލާދީ އެ ނޫހުން ބުނީ ކައިވެނީގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ ފަހުކޮޅު ނުވަތަ ނޮވެމްބަރު މަހު ކުރީކޮޅުގައި ކަމަށެވެ.
ކައިވެނީގެ ހަފުލާ ބާއްވަނީ ހަމައެކަނި އާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިންނަށް ބައިވެރިވެވޭ ގޮތަށް މުމްބާއީގައި ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
ކައިވެންޏަށް ފަހު، ފިލްމީ ދާއިރާގެ މީހުންނަށް ހާއްސަކޮށްގެން ބޮޑު ރިސެޕްޝަނެއް ބޭއްވުމަށް ވެސް ވަނީ ރާވައިފަ އެވެ.
ހުމާ އާއި ރަޗިިތް އެންގޭޖްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާގަ އެވެ. ނަމަވެސް، އެމީހުން ވަނީ އެކަން އާންމުންނަށް ސިއްރުކޮށްފަ އެވެ.
އެ ދެމީހުންގެ ގުޅުން މީޑިއާއަށް އެނގުނީ ބޮލީވުޑްގެ ތަރި ސޮނާކްޝީ ސިންހާގެ ކައިވެނީގެ ހަފުލާއަށް ދެމީހުން އެކުގައި ދިއުމުންނެވެ. އަދި ވަރަށް ފަހުން މުމްބާއީ އެއާޕޯޓުން ވެސް އެ ދެމީހުން އެކުގައި ފެނިފައިވެ އެވެ.