މަނީ ލޯންޑަރިންގެ މައްސަލައެއްގައި ނެޓްފްލިކްސްގެ ރިއަލިޓީ ޝޯ "ދޭސީ ބްލިންގް"ގެ ތަރި ސަތީޝް ސަންޕާލްގެ ބޭންކް އެކައުންޓްތައް ޔޫއޭއީ ސަރުކާރުން ފްރީޒްކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ނެޓްފްލިކްސްގެ "ދޭސީ ބްލިންގް" އިން މަޝްހޫރުކަން ހޯދާފައިވާ، ދުބާއީގައި މިހާރު ދިރިއުޅޭ އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ސަތީޝްގެ އެކައުންޓްތަކާއި އެހެނިހެން މުދާ ޔޫއޭއީގެ މާލީ އިދާރާތަކުން ފްރީޒްކޮށް، މަނީ ލޯންޑަރިންގެ ބޮޑު ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
ޔޫއޭއީގެ އެންޓި މަނީ ލޯންޑަރިން އެޖެންސީ ކަމަށްވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ވަނީ އެ ގައުމުގައި ހިންގާ ބޭންކުތަކަށާއި މާލީ އިދާރާތަކަށް އަދި ކްރިޕްޓޯކަރެންސީގެ ހިދުމަތްދޭ ވާޗުއަލް އެސެޓް ސާވިސް ޕްރޮވައިޑަރުންނަށް ވެސް ސަތީޝްގެ އެކައުންޓްތައް ވަގުތީ ގޮތުން ހިފެހެއްޓުމަށް އަންގައިފައި ކަމަށް ރިޕޯޓްތައް ބުންޏެވެ.
އުމުރުން 41 އަހަރުގެ ސަތީޝްގެ އިތުރުން، އޭނާގެ އަނބިމީހާ ބިންދާ ސަންޕާލްގެ އެކައުންޓްތަކާއި ޑިޖިޓަލް ވޮލެޓްތަކުގެ އިތުރުން އެމީހުންނާ ގުޅުންހުރި ކުންފުނިތަކުގެ އެކައުންޓްތައް ވެސް ވަނީ ފްރީޒްކޮށްފަ އެވެ.
އޭގެ ތެރޭގައި އެ ދެމަފިރިންގެ ކުންފުނިތައް ކަމަށްވާ އެނެކްސް ކެޕިޓަލް އެސެޓް މެނޭޖްމަންޓާއި އެނެކްސް ކެޕިޓަލް ފައިނޭންޝަލް މާކެޓްސް އާއި އެނެކްސް ހޯލްޑިން އަދި 2015 އިން ފެށިގެން ޖަވާހިރުގެ ވިޔަފާރިކުރާ އެސްއެސްބީ ބާޒާރު ޖެނެރަލް ޓްރޭޑިން ހިމެނެ އެވެ.
އެފްއައިޔޫގެ އެންގުމުގައި ސަތީޝްގެ ރައްޔިތުކަން އޮތް ގައުމަކީ ޕެސިފިކްގެ ގައުމެއް ކަމަށްވާ ވަނުއާޓޫ ކަމަށް ބަޔާންކޮށްފައިވާއިރު، އޭނާގެ އަނބިމީހާ ބިންދާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ.
ޔޫއޭއީގެ ގާނޫނުތައް ބުނާ ގޮތުން މިގޮތަށް ފްރީޒްކުރެވޭ އެކައުންޓްތައް ހިފެހެއްޓުމަށް އެޓާނީ ޖެނެރަލްގެ ހާއްސަ އަމުރެއް ނުލިބިއްޖެ ނަމަ، 30 ދުވަސް ތެރޭގައި އެކައުންޓްތައް ދޫކޮށްލަން ޖެހޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި އެކައުންޓްތަކަށް ފައިސާ ޖަމާކުރެވުނަސް، އެއްވެސް ފައިސާއެއް ފޮނުވުމާއި ނެގުން މަނާވާނެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ކްރިޕްޓޯކަރެންސީ މެދުވެރިކޮށް ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ފައިސާ ބަދަލުކުރުމުގެ ފުރުސަތު ބޮޑުވުމާ އެކު، ޔޫއޭއީގެ މާލީ އިދާރާތަކުން ވަނީ ސަތީޝްގެ ކްރިޕްޓޯ ވޮލެޓްތަކަށް ހާއްސަ ސަމާލުކަމެއް ދީފަ އެވެ.
މި މައްސަލައާ ގުޅިގެން ސަތީޝްގެ ފަރާތުން އަދި އެއްވެސް ބަޔާނެއް ނެރެފައި ނުވާއިރު، އޭނާ މިވަގުތު ހުރީ ޔޫއޭއީގައި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނުވެ އެވެ.
އިންޑިއާގެ ޖަބަލްޕޫރަށް ނިސްބަތްވާ ސަތީޝްއަކީ ދުބާއީގެ މަތީ ފަންތީގެ ވިޔަފާރިތަކާއި ބޮލީވުޑް ތަރިން ބައިވެރިވާ ބޮޑެތި ޕާޓީތައް ބޭއްވުމުގައި މަޝްހޫރުކަން ހޯދާފައިވާ މީހެކެވެ.