މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ)ގެ ފިލްމުތަކުގައި "ވޮންޑާ މެކްސިމޮފް" ނުވަތަ "ސްކާލެޓް ވިޗް"ގެ ރޯލު ކުޅޭ އެމެރިކާގެ ތަރި އެލިޒަބެތު އޮލްސެން ބަލިވެއިން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިއީ އެލިޒަބެތާއި އޭނާގެ ފިރިމީހާ އަދި މިއުޒީޝަން ރޮބީ އާނެޓް އަށް ލިބެން އުޅޭ ފުރަތަމަ ދަރިފުޅެވެ.
ޕީޕަލް މެގަޒިނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެލިޒަބެތު ބަނޑުބޮޑުކަން އެނގުނީ އެމެރިކާގެ ލޮސް އެންޖެލިސްގެ ރެސްޓޯރެންޓަކުން އޭނާ ފެނުނު ހިސާބުންނެވެ. އެތަނުން އޭނާ ފެނުނުއިރު ލައިގެން ހުރީ ހުދުކުލައިގެ ގަމީހެކެވެ. އަދި ބަނޑުބޮޑުކަން އެނގޭ ގޮތަށް ގަމީހުގެ ތިރިން ބައެއް ގޮށްތައް ހުރީ ނާޅުވަ އެވެ. މަގުމަތިން ހިނގާފައި ދިޔައިރު އޭނާ މަޑުމަޑުން ބަނޑުގައި އަތްޖައްސާލައިގެން ހުއްޓާ ވަނީ ފެނިފަ އެވެ.
އެލިޒަބެތު އާއި ރޮބީއަކީ އަބަދުވެސް އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ވަރަށް ސިއްރުން ގެންގުޅޭ ދެމަފިރިންނެވެ.
އެ މީހުން ފުރަތަމަ ބައްދަލުވީ 2017 ވަނަ އަހަރު މެކްސިކޯގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް، ރަހުމަތްތެރިއެއް މެދުވެރިކޮށެވެ. ބައްދަލުވިތާ ދެ އަހަރު ފަހުން، 2019 ގައި ދެ ތަރިން އެންގޭޖްވި އެވެ. އެ މީހުން ކައިވެނިކުރީ ކޮވިޑްގެ ކުރިންނެވެ. އެކަން އެނގުނީ 2021 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި އެލިޒަބެތު ރޮބީއަށް "ފިރިމީހާ"ގެ ނަމުން މުހާތަބު ކުރުމުންނެވެ. އޭގެ ފަހުން 2022 ގައި އޭނާ ވަނީ ކޮވިޑްގެ ކުރިން ދެމީހުން "ސިއްރުން" ކައިވެނިކުރިކަން ހަމާކޮށްފަ އެވެ.
އެލިޒަބެތު ހޮލީވުޑަށް ތައާރަފުވީ 2011 ވަނަ އަހަރު ރިލީޒްކުރި ފިލްމެއް ކަމަށްވާ "މާތާ މާސީ މޭ މާލިން" އިންނެވެ. އޭގެ ފަހުން އޭނާއަށް ވަނީ ބޮޑެތި ސްޓޫޑިއޯތަކުގެ ފިލްމުތަކުން ފުރުސަތު ލިބިފަ އެވެ.
އޭނާ އެންމެ ބޮޑަށް މަޝްހޫރުވީ މާވެލްގެ "ވޮންޑާވިޝަން" އާއި "އެވެންޖާސް" ސީރީޒް އަދި 2022 ވަނަ އަހަރު ނުކުތް "ޑޮކްޓާ ސްޓްރޭންޖު އިން ދަ މަލްޓިވާސް" އިންނެވެ. މީގެ އިތުރުން އެޗްބީއޯގެ "ލަވް އެންޑް ޑެތު" އާއި "ސޮރީ ފޯ ޔުއާ ލޮސް" ކަހަލަ މަގުބޫލު ސީރީޒްތަކުން ވެސް އޭނާގެ މޮޅު ހުނަރު ދައްކާލި އެވެ.