ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާން ލީޑް ރޯލު ކުޅޭ، ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ އާ ފިލްމު "ދާއިރާ" އަންނަ ސެޕްޓެމްބަރު 18 ގައި ރިލީޒްކުރަން ނިންމައިފި އެވެ. 

ކަރީނާއާ އެކު މި ފިލްމުގެ ފިރިހެން ލީޑް ރޯލު ކުޅެނީ މަލަޔާޅަމް ސިނަމާގެ މަޝްހޫރު އެކްޓަރު ޕްރިތުވީރާޖު ސުކުމާރަން އެވެ. މިއީ މި ދެ ތަރިން އެކުގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ. އަދި މިއީ ކަރީނާގެ 25 އަހަރުވީ ފިލްމީ ކެރިއަރުގައި އޭނާ ކުޅޭ 68 ވަނަ ފިލްމެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، "ދާއިރާ"އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ވަރުގަދަ ތުރިލާ ފިލްމެކެވެ. ކުށާއި އިންސާފާއި އަދި އަދަބާ ގުޅޭ މައުޟޫއުތަކަށް ބިނާކޮށްފައިވާ މި ފިލްމަކީ މުޖުތަމައުގެ ނިޒާމުތަކާ މެދު ބެލުންތެރިން ސުވާލު އުފައްދާނެ ފަދަ މެސެޖުތަކެއް އެކުލެވޭ ފިލްމެއް ކަމަށް ޑައިރެކްޓަރު މެގްނާ ވެސް ބުނެފައިވެ އެވެ.

މި ފިލްމުގެ ސްކްރިޕްޓް ލިޔެފައި ވަނީ ޔާޝް ކޭސްވާނީ އާއި ސީމާ އަގަރްވާލް އަދި މެގްނާ ގުޅިގެންނެވެ.

"ދާއިރާ"އަކީ ޖަންގްލީ ޕިކްޗާސް އާއި ޕެން ސްޓޫޑިއޯސް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

މިއީ މެގްނާ ޖަންގްލީ ޕިކްޗާސްއާ އެކު މަސައްކަތްކުރާ ތިންވަނަ ފިލްމެވެ. މީގެ ކުރިން އޭނާ ވަނީ އެ ސްޓޫޑިއޯއާ އެކު ކާމިޔާބު ދެ ފިލްމު ކަމަށްވާ "ރާޒީ" އާއި "ތަލްވާރު" ގެނެސްދީފަ އެވެ.

ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާންކުރުމާ ގުޅިގެން ކަރީނާ ވަނީ ފިލްމުގެ ބިހައިންޑް ދަ ސީންސް (ބީޓީއެސް) ވީޑިއޯއެއް އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓުކޮށްފަ އެވެ. މި ފިލްމުގެ ޝޫޓިން ފެށީ މިދިޔަ އަހަރު ސެޕްޓެމްބަރުގަ އެވެ.

މެގްނާ އެންމެ ފަހުން ޑައިރެކްޓްކުރީ ވިކީ ކޯޝަލް ލީޑް ރޯލު ކުޅުނު ބަޔޮގްރަފިކަލް ފިލްމު "ސާމް ބަހާދުރު" އެވެ. އަދި ކަރީނާ އެންމެ ފަހުން ކުޅުނު ފިލްމަކީ އަޖޭ ދޭވްގަންގެ "ސިންގަމް އެގެއިން" އެވެ.