މަޝްހޫރު ޓީވީ ސީރީޒް "ބްރޭކިން ބޭޑް"ގައި ގަސް ފްރިންގެ ރޯލު ކުޅެގެން ގިނަ ބައެއްގެ ލޯބި ހޯދި އެމެރިކާގެ އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކޮށްފި އެވެ. 

އެ ޚަަބަރު ކަށަވަރު ކޮށްދީ ސައުދީ ގެޒެޓުގައި މިއަދު ބުނީ އެސްޕޮސިޓޯ ސައުދީގައި ހުރި ދުވަސްވަރު އިސްލާމްދީން ގަބޫލުކުރި ކަމަށް އެ ގައުމުގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ ޗެއާމަން ތުރުކީ އަލް-ޝެއިޚް ވިދާޅުވެފައިވާ ކަމަށެވެ.

އަލް-ޝެއިޚް ވިދާޅުވި ގޮތުގައި، އެސްޕޮސިޓޯ ވަނީ ޝަހާދަތުގެ ދެކަލިމަ ކިޔައި، ސައުދީގައި ފިލްމެއްގެ މަސައްކަތް ކުރަމުންދިޔަ ޕްރޮޑަކްޝަން ޓީމުގެ މެންބަރުންނާ އެކު މިސްކިތެއްގައި ނަމާދުގައި ވެސް ބައިވެރިވެފަ އެވެ.

ފިލްމާއި ޓީވީގެ ދާއިރާގައި އެތައް އަހަރެއްގެ ކާމިޔާބު ކެރިއަރެއް ބިނާކޮށްފައިވާ އެސްޕޮސިޓޯއަކީ "ބްރޭކިން ބޭޑް"ގެ އިތުރުން "ބެޓާ ކޯލް ސޯލް" އާއި ސްޓާ ވޯސްގެ "ދަ މެންޑަލޯރިއަން" ކަހަލަ މަޝްހޫރު ހޮލީވުޑް އުފެއްދުންތަކުން ފެނިފައިވާ މޮޅު އެކްޓަރެކެވެ.

އޭނާ ކުޅުނު ގަސް ފްރިންގެ ރޯލު މުޅި ދުނިޔެއަށް މަޝްހޫރުވިއިރު، އެ ރޯލުން އޭނާ ވަރަށް ގިނަ އެވޯޑްތަކަށް ނޮމިނޭޓު ވެސް ވި އެވެ. 

އަލް-ޝެއިޚް ހާމަކުރެއްވި ގޮތުގައި، އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކުރަން ނިންމީ ސައުދީގައި ހޭދަކުރި ދުވަސްތަކުގައި ލިބުނު ހިތްހަމަޖެހުމާއި އެ ގައުމުގައި މަސައްކަތް ކުރިއިރު މުސްލިމުންނާ އެކު ކުރި ރަނގަޅު ތަޖުރިބާތަކުގެ ސަބަބުންނެވެ. އެ ގައުމުގެ މީހުން އޭނާ އަށް އަދާކުރި މެހެމާންދާރީ އާއި ބެހެއްޓި ގާތްކަމަށްޓަކާ އެސްޕޮސިޓޯ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި، މިސްކިތެއްގެ ތެރޭގައި ޕްރޮޑަކްޝަން ޓީމުގެ މެންބަރުންނާ އެކު އެސްޕޮސިޓޯ ނަމާދުކުރަން ހުރި ތަން ފެނެ އެވެ.

އެސްޕޮސިޓޯ ސައުދީގައި މަސައްކަތް ކުރަމުން އަންނަނީ "ސެވަން ޑޯގްސް" ކިޔާ ބޮޑު ފިލްމު ޕްރޮޑަކްޝަނެއްގަ އެވެ. ސައުދީ އިން އަންނަނީ އެ ގައުމުގެ މުނިފޫހިފިލުވުމާއި ފިލްމީ ދާއިރާ ފުޅާކޮށް، ބައިނަލްއަގުވާމީ މޮޅު ހުނަރުވެރިންނާއި ބޮޑެތި އުފެއްދުންތައް އެ ގައުމަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.