ބޮލީވުޑްގެ ތަރި ޝްރައްދާ ކަޕޫރުގެ ކުރިއަށް އޮތް ބަޔޮޕިކް ފިލްމު "އީތާ" ރިލީޒްކުރަން ކުޑަތަންވެފައި ވަނިކޮށް، ފިލްމުގެ ނަމާ ގުޅިގެން ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދިއްޖެ އެވެ.
މި ފިލްމަކީ އިންޑިއާގެ މަހާރާޝްތުރާގެ މަރާޓީ ފޯކް އަދި ލަވާނީ ނެށުމުގެ ލެޖެންޑް ވިތާބާއީ ބާއު މަންގް ނަރަޔަންގާއޮންކަރުގެ ހަގީގީ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މިިދިޔަ ހަފުތާގައި އާންމުކުރި މި ފިލްމުގެ ޓީޒާއަށް ގިނަ ބައެއްގެ ތައުރީފު ލިބުނު ނަމަވެސް، ފިލްމަށް ދީފައިވާ ނަމުގެ ސަބަބުން މިހާރު ވަނީ މައްސަލަ ހޫނުވެފަ އެވެ.
ވިތާބާއީގެ އާއިލާގެ ފަރާތުން އޭނާގެ ދެ ފިރިހެން ދަރިން ކަމަށްވާ ކައިލާޝް އާއި ރާޖޭޝްގެ އިތުރުން ކާފަދަރި މޯހިތު ވަނީ ފިލްމަށް "އީތާ" ކިޔާފައި ވާތީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އާއިލާއިން ބުނާ ގޮތުގައި، ވިތާބާއީގެ ގައުމީ ހިދުމަތާއި އޭނާގެ ފަންނީ ކާމިޔާބީތަކަށް ހައްގު އިހުތިރާމު ހޯދައިދިނުމަށް، ފިލްމުގެ ނަން ސީދާ އޭނާގެ އަސްލު ނަމަށް ނިސްބަތްކޮށް "ވިތާ" ނުވަތަ "ވިތާބާއީ"ގެ ނަމަށް ބަދަލުކުރަން ޖެހެ އެވެ.
މި ޑިމާންޑަށް އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީ (އެންސީޕީ)ގެ ފިލްމު އެންޑް ކަލްޗަރަލް ޑިޕާޓްމަންޓުން ވެސް ވަނީ ތާއީދުކޮށް، ފިލްމުގެ ޑައިރެކްޓަރަށާއި ޕްރޮޑަކްޝަން ހައުސްއަށް ރަސްމީކޮށް ސިޓީއެއް ފޮނުވައިފަ އެވެ.
މި މައްސަލައިގައި ފިލްމުގެ ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރާއި ޕްރޮޑަކްޝަން ހައުސް މެޑޮކް ފިލްމްސް އިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި ނަން ބަދަލުކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ކަށަވަރެއް ނުވެ އެވެ.
ޝްރައްދާގެ އިތުރުން ރަންދީޕް ހޫޑާ އާއި މުހައްމަދު ޒީޝާން އައްޔޫބު މުހިންމު ރޯލުތަކުން ފެންނާނެ މި ފިލްމު ރިލީޒްކުރަނީ އަންނަ އޯގަސްޓް މަހު 28 ގަ އެވެ.