އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ބާދްޝާ އާއި އޭނާގެ އަނބިމީހާ، ޕަންޖާބީ އެކްޓްރެސް އިޝާ ރިކީގެ ކައިވެނި ރޫޅެން އުޅޭކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ވަރަށް ގަދަވެއްޖެ އެވެ.

މި އަޑުތައް ގަދަވެފައި ވަނީ އިޝާ އިންސްޓަގްރާމްގައި ހިއްސާކުރި އަސަރުން ފުރިގެންވާ އަދި ނުސީދާ މެސެޖުތަކަކާ ގުޅިގެންނެވެ.

އިޝާގެ މެސެޖެއްގައި ބުނެފައި ވަނީ ބޭރުފުށުން ފެންނަން ނުހުންނަ އެތައް ނަފްސާނީ ހަނގުރާމައެއް އޭނާ ކުރަމުންދާ ކަމަށެވެ. އަދި ވަރަށް ގިނަ ދުވަސް ވަންދެން ހިމޭނުން ހުރީ ބިރުން ކަމަށާއި ފިރިމީހާގެ ނުފޫޒާއި ބާރާއި ވަސީލަތްތަކުގެ ބޮޑުކަމުން އެއްޗެއް ބުނަން ނުކެރި ހުރުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ގަބޫލުކުރެވުނީ ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް، ހިމޭނުން ހުރުމަކީ ކަންކަން ގަބޫލުކުރުން ނޫން ކަމަށާއި އެއީ އޭރު ސަލާމަތްވުމަށް ކުރި ކަމެއް ކަމަށް ބުނެ، މިހާރު ބިރުފަހަނައަޅައި ކެރިގެން ކުރިމަތިލާން ނިންމާފައިވާ ކަމަށް އިޝާ ލިޔެފައިވެ އެވެ.

އެ ޕޯސްޓުގެ ކުރިން ވެސް އިޝާ ވަނީ ބާދްޝާާއާ އެކު ނަގާފައިވާ ވީޑިއޯތަކަކާ އެކު "ކޮންމެ ތޫފާނަކީ ފިލާވަޅެއް، ކޮންމެ ދުއާއަކީ އުންމީދެއް" ކަމަށް ބުނެ ޕޯސްޓެއް ކޮށްފަ އެވެ. އެއާ އެކު ސަޕޯޓަރުންގެ މެދުގައި އެމީހުންގެ ގުޅުމާ މެދު ސުވާލުތައް އުފެދެން ފެށި އެވެ.

އިޝާގެ މި ވާހަކަތަކާ އެކު، އިންޑިއާގެ ބައެއް ފަންނާނުން ވަނީ އޭނާއަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި މެސެޖުތައް ކޮށްފަ އެވެ. އޭގެ ތެރޭގައި ޖަސްމިން ބާސިން، ސުއްޔާޝް ރާއީ، ސަނާ މަކްބުލް އަދި ކަރަން އޯޖްލާގެ އަނބިމީހާ ޕާލަކް އޯޖްލާ ހިމެނެ އެވެ.

ބާދްޝާ އާއި އިޝާ ކައިވެނިކުރީ މިދިޔަ މާޗު މަހު އެވެ. ވަރަށް ސިއްރުން ކުރި އެ ކައިވެނީގެ ޚަބަރު އާންމުވީ އިޝާގެ މަންމަ ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކަކުންނެވެ. އޭގެ ފަހުން މިދިޔަ މަހު އިޝާ ވަނީ އޭނާ ބާދްޝާއާ ކައިވެނިކޮށްގެން އުޅޭކަން ކަށަވަރުކޮށްދީފަ އެވެ.

މި އަޑުތަކާ ގުޅޭ ގޮތުން ބާދްޝާ މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.