ލޭޑީ ގާގާ އާއި ބްރެޑްލީ ކޫޕާ "އަ ސްޓާ އިޒް ބޯން" ގެ މަންޒަރެއްގައި.
19 އެޕްރީލް 2017 - 05:59
"ހޭންގްއޯވަ" ފަދަ މަޝްހޫރު ފިލްމްތައް ކުޅެފައިވާ އެކްޓަރު އެކްޓަރު ބްރެޑްލީ ކޫޕާ ފިލްމެއް ޑައިރެކްޓް ކުރަން ނިިންމިކަން އިއުލާން ކުރީ މިދިޔަ އަހަރު އެވެ. އޭނާގެ ފުރަތަމަ ޑައިރެކްޝަނަކީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އެ ފިލްމެއްގެ ރިމެކިން ހަދާފައިވާ "އަ ސްޓާ އިޒް ބޯން" އެވެ.
މި ފިލްމް ހާއްސަވާ އެއް ކަމަކީ ކޫޕާއާ އެކު، ބަތަލާއެއްގެ ގޮތުގައި، މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ލޭޑީ ގާގާ ފެންނާނެތީ އެވެ. ވާނާ ބްރަދާޒްގެ މި ފިލްމުގެ ޝޫޓިން ވެސް މިހާރު ވަނީ ފަށައިފަ އެވެ.
ގާގާ ވަނީ އޭނާގެ އިސްޓަގްރާމްގައި، ފިލްމުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް ދައްކާލައިފަ އެވެ. އެ ފޮޓޯގައި ފެންނަނީ ކޫޕާއާ އެކު އޭނާ ސްޓޭޖެއްގެ މަތީގައި ލަވަ ކިޔާ ތަނެވެ. ގާގާ ލަވަ ކިޔާ އިރު، ކޫޕާ ހުންނަނީ ގިޓާ ކުޅޭށެވެ.
އެ ފޮޓޯއާ އެކު ގާގާ ބުނީ އަބަދު ވެސް ބަތަލާއަކަށް ވާން ބޭނުން ކަމަށް ބުނެފަ އެވެ.
"އަ ސްޓާ އިޒް ބޯން" ގެ މަންޒަރެއް ގާގާ އިސްޓަގްރާމްކޮށްފައި.
"މިއީ އަހަރެންގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމް. އަ ސްޓާ އިޒް ބޯންއަކީ ވަރަށް ހާއްސަ ފިލްމެއް. އަހަރެންގެ ހުވަފެން ކޫޕާ ހަގީގަތަކަށް ހަދައި ދިނީތީ ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން،" ގާގާ ބުންޏެވެ.
"ސިލްވަ ލައިނިންސް ޕްލޭބުކް" އާއި "އެމެރިކަން ހަސްލް" ފަދަ ފިލްމްތައް ކުޅެފައިވާ އަދި ޖެހިޖެހިގެން ތިން ފަހަރެއްގެ މަތިން އޮސްކާ އަށް ނޮމިނޭޓްވެފައިވާ ކޫޕާގެ ފުރަތަމަ ޑައިރެކްޝަންގެ ކާސްޓުންގެ ތެރޭގައި ސޭމް އެލިއަޓް އާއި އެންޑްރޫ ޑައިޒް ކްލޭ ވެސް ހިމެނެ އެވެ.
އަރަމުން އަންނަ ޒުވާން ބަތަލާއެއްގެ އެހީގައި އޮއްސެމުން ދިިޔަ އެކްޓަރެއްގެ ކެރިއާ ބިނާ ކުރަން ކުރާ މަސައްކަތް ދައްކުވައިދޭ "އަ ސްޓާ އިޒް ބޯން" އެންމެ ފުރަތަމަ ސްކްރީނަށް އައީ 1954 އެވެ. ޖޯޖް ކުކޯ ޑައިރެކްޓް ކުރި ފިލްމުގައި ލީޑް ރޯލް ކުޅުނީ ޖޫޑީ ގާލަންޑާއި ޖޭމްސް މޭސަން އެވެ. "އަ ސްޓާ އިޒް" ބޯން ދެވަނަ ފަހަރަށް ސްކްރީނަށް އައީ ފްރޭންކް ޕިއާސަން ޑައިރެކްޓްކޮށް، ބާބްރާ ސްޓްރެއިސެންޑާއި ކްރިސް ކްރިސްޓޮފާސަންގެ ޖޯޑާ އެކުގަ އެވެ. އެއީ 1976 ގަ އެވެ.
ތިން ވަނަ ފަހަރަށް މި ފިލްމް ސްކްރީނަށް އަންނަ އިރު، ފިލްމަށް ޝައުގު ހުއްޓޭ އެންމެ ވަރުގަދަ އުސްއަައްޔަކީ ގާގާ އާއި ކޫޕާގެ ޖޯޑް ސްކްރީނުން އެކުގައި ބަލާލުމުގެ ފުރުސަތު ލިބުމެވެ.
ކްލިންޓް އީސްޓްވުޑާއި ޖޮން ޕީޓާސް ޕްރޮޑިއުސް ކުރާ "އަ ސްޓާ އިޒް ބޯން" ރިލީޒް ކުރާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy