ހޮލީވުޑްގެ ތަރި ޓޮމް ކުރޫޒް އޭނާއަށް ހިތްކިޔައިގެން އުޅޭ ކަމަށް ބޮލީވުޑްގެ އެކްޓްރެސް މަލިކާ ޝެރާވަތު ބުނެފި އެވެ.

މަލިކާ އެހެން ބުނެފައި ވަނީ ކުރިއަށް އޮތް ރިއަލިޓީ ޝޯ "ދަ ޓްރޭޓާސް 2"ގެ އާންމުވެފައިވާ ވީޑިއޯ ކްލިޕެއްގަ އެވެ. 

އެމެޒޯން ޕްރައިމް ވީޑިއޯ އިން މާދަމާ ސްޓްރީމް ކުރަން ފަށާ އެ ޝޯގެ ކްލިޕެއްގައި، ކޮމީޑިއަން އާދިތުޔާ ކުލްޝްރެޝްތާ (ކުއްލޫ) މަލިކާ ކުރެން އެހީ އޭނާ އެއްވެސް މީހަކަށް ހިތްކިޔާފައިވޭތޯ ނުވަތަ އެންމެން ވެސް ހިތްކިޔަނީ އޭނާ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބުގައި މަލިކާ ބުނީ އޭނާ އެއްވެސް މީހަކާ ހެދި ނޫޅޭ ކަމަށެވެ. 

"އެންމެން ވެސް ހިތްކިޔަނީ މަށަށް. މި ދުވަސްކޮޅު ޓޮމް ކުރޫޒް ވެސް އުޅެނީ މަށަށް ހިތްކިޔައިގެން. ދޮގެއް ހަދަނީއެއް ނޫން، މިވަގުތު އަތުގައި ފޯނު އޮތް ނަމަ އޭނާ ފޮނުވާފައި ހުރި ވީޑިއޯތައް ދައްކާނަން،" މަލިކާ ބުންޏެވެ.

އެ ވާހަކައާ ގުޅިގެން ކުއްލޫ އާއި އަބީޝެކް މަލްހާން އެއީ ކޮން ކަހަލަ ވީޑިއޯތަކެއްތޯ އެހުމުން މަލިކާ ބުނީ އެއީ ދެމީހުން އެކުގައި ޕާޓީކުރި އިރުގެ ވީޑިއޯތަކެއް ކަމަށާއި ޓޮމް ކުރޫޒަކީ ވަރަށް "ފެބިއުލަސް" މީހެއް ކަމަށެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ އެކު އާންމުން ވަނީ އެކި ކަހަލަ ޝުއޫރުތައް ފާޅުކޮށްފަ އެވެ. ބައެއް މީހުން އެއީ މަޖާ ވާހަކައެއްގެ ގޮތުގައި ސިފަކުރިއިރު، އަނެއްބައި މީހުން ވަނީ މަލިކާ އުޅެނީ އުރުވަޝީ ރައުޓެލާ ގޮތަށް ބޮޑެތި ދޮގުތައް ހަދައިގެން މަޝްހޫރުވާން ކަމަށް ބުނެ ފާޑުކިޔާފައިވެ އެވެ. ނަމަވެސް، މަލިކާ ދައްކަނީ ތެދު ވާހަކައެއް ކަމަށް ގަބޫލުކުރާ ސަޕޯޓަރުން ވެސް އެބަތިއްބެވެ.

ކަރަން ޖޯހަރު ހޮސްޓްކުރާ "ދަ ޓްރޭޓާސް"ގެ ދެވަނަ ސީޒަންގައި 21 ބައިވެރިން ބައިވެރިވެ އެވެ. އޭގެ ތެރޭގައި މަލިކާގެ އިތުރުން މުނައްވަރު ފާރޫގީ، ޝްވޭތާ ތިވާރީ، ރިއާ ޗަކްރަބޯތީ، އަބީޝެކް މަލްހާން، ކްރިސްޓަލް ޑިސޫޒާ އަދި ހަރްމަން ބަވޭޖާ ކަހަލަ މަޝްހޫރު ތަރިން ހިމެނެ އެވެ.