ބޮލީވުޑްގެ އެކްޓްރެސް އަމީޝާ ޕަޓޭލްގެ މައިންބަފައިންގެ ގެއިން ފަސް ލައްކަ އިންޑިއަން ރޫޕީސްގެ ރަނާއި ގަހަނާ ވަގަށް ނެގި މައްސަލައެއްގައި އެ ގޭގައި މަސައްކަތްކުރާ ނޯކަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ހައްޔަރުކުރީ އެ ގޭގައި މަސައްކަތްކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އުމުރުން 40 އަހަރުގެ ސީމާ ގާޓޭ ނަމަކަށް ކިޔާ އަންހެނެކެވެ. 

ފުލުހުން ބުނެފައިވާ ގޮތުގައި، އެ ވައްކަމުގެ މައްސަލަ ފެންމަތިވީ އަމީޝާގެ މަންމަ އާޝާ ޕަޓޭލް ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އަމީޝާގެ މައިންބަފައިން ދިރިއުޅެނީ އިންޑިއާގެ މުމްބާއީގަ އެވެ. 

ބައެެއް ނޫސްތަކުގައި ބުނީ އެ ގެއިން ޖަވާހިރު ޖެހި ރަން ތަނޑިއެއް ފުރަތަމަ ގެއްލިފައި ވަނީ މިދިޔަ ޖެނުއަރީ މަހު ކަމަށެވެ. އަމީޝާގެ މަންމައަށް އެކަމުގައި ސީމާއަށް ތުހުމަތުކުރެވުނު ނަމަވެސް، ފުލުހުންނަށް މައްސަލަ ހުށަހެޅުމުގެ ކުރިން ގަހަނާ އަނބުރާ ހަވާލުކުރުމަށް އޭނާއަށް 5-6 މަސްދުވަހުގެ ފުރުސަތެއް ދިނެވެ.

ނަމަވެސް ގަހަނާ ނުލިބުމުން، މިދިޔަ ޖޫން މަހުގެ ފަހުކޮޅު ސީމާ ވަޒީފާ ދޫކޮށް ދިޔުމުން އާއިލާއިން ފުލުހުންނަށް އެ މައްސަލަ ހުށަހެޅީ އެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުންގެ ހާއްސަ ޓީމަކުން ސީމާ ހޯދައި ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ކޯޓަށް ހާޒިރުކުރުމުން ބަންދަށް މުއްދަތު ދީފައިވާއިރު، ގެއްލުނު ގަހަނާތައް ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން އަމީޝާ ބުނެފައި ވަނީ އޭނާގެ އާއިލާ އެއްވެސް ނުރައްކަލަކަށް ހުށަނޭޅި ސަލާމަތުން ތިބުމުން އުފާކުރާ ކަމަށެވެ.