ދެކުނު ކޮރެއާގެ މަޝްހޫރު އެކްޓަރު ލީ ޑޮންގް-ވޫކްގެ ނަމުގައި އޮޅުވާލައިގެން ހިންގި "ރޮމޭންސް ސްކޭމް"އެއްގައި އަންހެނެއްގެ އަތުން 35 މިލިއަން ވޮން (ގާތްގަނޑަކަށް 25,000 އެމެރިކާ ޑޮލަރު) އަތުލައިގެންފި އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް އުފެއްދި މި "ރޮމޭންސް ސްކޭމް" ގާތްގަނޑަކަށް 8 މަސްދުވަހަށް ކުރިއަށްދިޔަ ކަމަށް ނޫސްތަކުގައި ބުންޏެވެ. 

އެސްބީއެސްގެ "ނިއުސް ހަންޓާސް" ޕްރޮގްރާމުގައި ވާހަކަދައްކަމުން އެ އަންހެން މީހާ ބުނީ ސްކޭމް ކުރި މީހާ އޭނާއާ ވާހަކަދައްކަމުން ދިޔައީ ކައިވެނިކުރަން ގަސްދުކުރާ ކަމަށް ބުނެ، ދެ އާއިލާ ބައްދަލުކުރުމުގެ ވާހަކަތައް ވެސް ދައްކަމުން ކަމަށެވެ. އަދި އޭނާއަކީ އެކްޓަރުގެ "ބައިވެރިޔާ" ކަމަށް ގަބޫލުކުރެވޭ މިންވަރަށް ވާހަކަތައް ބައްޓަންކޮށްފައި ވިޔަސް، އެ 8 މަސްދުވަހުގެ ތެރޭގައި އެއްވެސް އިރަކު ފޯނުން ގުޅައިގެން ވާހަކަދައްކާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ފައިސާ އަތުލުމުގެ ކަންތައްތައް ފެށުނީ އެކްޓަރުގެ ނަމުގައި އުޅުނު މީހާ ބޭރު ގައުމެއްގައި ފިލްމު ކުޅެން ހުރެފައި 700 މިލިއަން ވޮންގެ އަގުހުރި ހަދިޔާ ސިޓީއުރައެއްގައި ފޮނުވި ކަމަށް ބުނި ހިސާބުންނެވެ. އެ ހަދިޔާ ކަސްޓަމްސްގައި ތާށިވެފައިވާ ކަމަށް ބުނެ، ކަސްޓަމްސް ކްލިއަރެންސް ލިޔެކިޔުންތަކަށާއި ފީތަކަށް ކަމަށް ބުނެ އެކި ފަހަރު މަތިން އޭނާ އަތުން ފައިސާ ހޯދި އެވެ.

އޭނާއަކީ ސެލެބްރިޓީއަކަށް ވާތީ ކުންފުނީގެ އެކައުންޓަށް ފައިސާ ނުފޮނުވުމަށާއި އަމިއްލަ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށް ބުނި ކަމަށް ވެސް އަންހެން މީހާ ބުންޏެވެ.

މިކަމާ ގުޅިގެން އެކްޓަރު ލީ ޑޮންގް-ވޫކްގެ އޭޖެންސީ "ކިންގް ކޮންގް ބާއި ސްޓާޝިޕް" އިން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސަޕޯޓަރުންނަށް އިންޒާރު ދީފަ އެވެ.

އެ އެޖެންސީން ބުނީ އާޓިސްޓުން އެއްވެސް އިރަކު އަމިއްލަ މެސެޖުތަކުން ސަޕޯޓަރުންގެ އަތުން ފައިސާ އާއި އަގުހުރި ތަކެތި ނުވަތަ ޒާތީ މައުލޫމާތު ހޯދަން ނޫޅޭނެ ކަމަށާއި ވީއައިޕީ ފޭން މީޓިން ކަހަލަ ކަންކަމުގެ ނަމުގައި ފައިސާ ހޯދަން ސްކޭމްތައް ހިންގާތީ އެ ކަންކަމަށް ވެސް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.