ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތު ލީޑް ރޯލު ކުޅޭ ބިރުވެރި ފިލްމު "ސްކެއަރީ ޕިކްޗާ" އިއްޔެ އިއުލާންކޮށްފި އެެވެ.
މި ފިލްމަކީ ދެކުނު އިންޑިއާ އަދި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު/ޕްރޮޑިއުސަރު ރާނާ ދަގޫބަތީ އުފައްދާ ފިލްމެކެވެ.
އިންޑިއާގެ ނިއު ދިއްލީގައި އިއްޔެ ބޭއްވި "ހޮރޯކޮން އިންޑިއާ 2026" އިވެންޓުގައި ވާހަކަދައްކަމުން ރާނާ ބުނީ، މިއީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ތެލުގޫ ޑައިރެކްޓަރު އަދި އެކްޓަރު ރަވީ ބާބޫ ޑައިރެކްޓްކުރާ ފިލްމެއް ކަމަށެވެ.
ތެލުގޫ ސިނަމާގައި ކާމިޔާބު ބިރުވެރި ފިލްމުތަކެއް ހަދާފައިވާ ރަވީ ބާބޫ ހިންދީ ސިނަމާއަށް ޑައިރެކްޓަރެއްގެ ގޮތުގައި ތައާރަފުވާ ފުރަތަމަ ފިލްމަކީ ވެސް މި އެވެ.
މި ފިލްމުގެ ވާހަކަ އެއްވެސް މީޑިއާއަކަށް ހިއްސާނުކޮށް، އެންމެ ފުރަތަމަ އިއުލާންކުރީ އެ އިވެންޓުގައި ކަމަށް ރާނާ ބުންޏެވެ.
ރާނާ މި ފިލްމު އިއުލާންކުރުމާ އެކު ކަންގަނާ ވެސް ވަނީ އޭނާގެ އިންސްޓަގްރާމްގައި މި ވީޑިއޯ ރީޕޯސްޓްކޮށް، ފިލްމުގައި އޭނާ ބައިވެރިވާކަން ޔަގީންކޮށްދީފަ އެވެ.
މިއީ 2009 ވަނަ އަހަރު ނުކުތް "ރާޒް: ދަ މިސްޓްރީ ކޮންޓިނިއުސް"އަށް ފަހު ކަންގަނާ ހިންދީ ސިނަމާގެ ބިރުވެރި ޖޯންރާގެ ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ. އޭގެ ފަހުން 2023 ގައި އޭނާ ވަނީ ތަމަޅަ ހޮރޯ-ކޮމެޑީ ފިލްމު "ޗަންދުރަމުކީ 2" ކުޅެފަ އެވެ.
ރަވީ ބާބޫއަކީ ތެލުގޫ ސިނަމާގައި ތަފާތު އަދި ބިރުވެރި ކޮންސެޕްޓްތަކަށް ފިލްމު ހެދުމަށް މަޝްހޫރު ޑައިރެކްޓަރަކަށް ވާއިރު، ރާނާ ޕްރޮޑިއުސްކުރާ މި ފިލްމަކީ ހިންދީ ބަހުން ތައްޔާރުކުރާ ފިލްމެކެވެ.
މި ފިލްމުގެ ވާހަކަ އާއި ރިލީޒްކުރާނެ ސީދާ ތާރީޚެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މި ތިން ފަންނާނުންގެ ގުޅުމާ އެކު އަންނަ މި މަސައްކަތަށް ސިނަމާގެ ސަޕޯޓަރުންގެ ބޮޑު ޝައުގުވެރިކަމެއް ވަނީ އުފެދިފަ އެވެ.