މަޝްހޫރު ޖާސޫސީ ފިލްމު ސީރީޒް "ޖޭމްސް ބޮންޑް"ގެ އާ ބޮންޑް ނުވަތަ "007"ގެ ރޯލަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ރަސްމީކޮށް ހަމަޖައްސައިފި އެވެ.

އެއާ އެކު، ކުރިން އެ ރޯލު ކުޅުނު ޑެނިއަލް ކްރެއިގަށް ފަހު، ބޮންޑްގެ ފިލްމު ސީރީޒްގައި އެ ކެރެކްޓާ ކުޅޭ ހަތްވަނަ އެކްޓަރަށް ޕެޓިންސަން ވާނެ އެވެ.

އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސް އާއި ޖޭމްސް ބޮންޑްގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން އެކަން އިއުލާނުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. 

އެ އިއުލާނާ އެކު އުމުރުން 40 އަހަރުގެ ޕެޓިންސަން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޖޭމްސް ބޮންޑަކީ ސިނަމާގެ ތާރީޚުގައި ވެސް އުފެދުނު އެންމެ އައިކޮނިކް އެއް ކެރެކްޓާ ކަމަށާއި، 007 ގެ ޒިންމާ އޭނާއާ ހަވާލުކުރުމަކީ މުޅި އުމުރުގައި ވެސް ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ.

އެ ރޯލު ލިބުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ފަދަ ކަމެއް ކަމަށް ވެސް ޕެޓިންސަން ބުންޏެވެ. 

ބޮންޑް ފްރެންޗައިޒްގެ 26 ވަނަ ފިލްމު ޑައިރެކްޓްކުރުމަށް ހަމަޖެހިފައި ވަނީ "ޑޫން" ކަހަލަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު ޑެނިސް ވިލެނުއޭވް އެވެ. އަދި އެ ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ "ޕީކީ ބްލައިންޑާސް"ގެ ކްރިއޭޓަރު ސްޓީވެން ނައިޓް އެވެ.

ޑައިރެކްޓަރު ޑެނިސް ބުނި ގޮތުގައި، ޕެޓިންސަންގެ ކިބައިގައި ޖޭމްސް ބޮންޑްގެ އަސްލު ރޫހު އެބަހުރި ކަމަށާއި، އޭނާ އެ ކެރެކްޓާއަށް މުޅިން އާ ދިރުމެއް ގެނެސްދޭނެ ކަމާ މެދު ޝައްކެއް ނެތެވެ.

ގިނަ ދުވަސްތަކަކަށް ދެމިގެންދިޔަ ސްކްރީން ޓެސްޓުތަކަކަށް ފަހު ޕެޓިންސަން އެ ރޯލަށް ހަމަޖައްސާފައި ވަނީ ކެލަމް ޓާނާ، ޖޯޝް އޯކޯނާ އަދި ނިކޮލަސް ހޯލްޓް ކަހަލަ ހުނަރުވެރި އެކްޓަރުންނާ ވާދަކޮށްގެންނެވެ. "

"ޓްވައިލައިޓް" އަދި "ދަ ބެޓްމޭން" ކަހަލަ ބޮޑެތި ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ޕެޓިންސަންއާ އެކު އުފައްދާ މި އާ ބޮންޑް ފިލްމުގެ ޝޫޓިން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާއިރު، ފިލްމު ސިނަމާތަކަށް އަންނާނީ 2028 ގަ އެވެ.