ބޮލީވުޑްގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ އިމްތިޔާޒު އަލީގެ އާ ނެޓްފްލިކްސް ސީރީޒް "އޯ ސާތީ ރޭ"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ މި ސީރީޒަކީ ލޯތްބާއި ކައިވެނީގެ ގުޅުންތަކުގައި ހުންނަ އުނދަގޫ އަދި ނާޒުކު ކަންކަން ދައްކުވައިދޭ އަސަރުގަދަ ވާހަކައަކަށް ބިނާކޮށްފައިވާ އުފެއްދުމެކެވެ.
ބޮލީވުޑްގެ ހުނަރުވެރި ތަރިން ކަމަށްވާ އަދިތީ ރާއޯ ހައިދަރީ، އަވިނާޝް ތިވާރީ އަދި އަރްޖުން ރާމްޕާލް ލީޑް ރޯލުތައް ކުޅެފައިވާ މި ހަ އެޕިސޯޑުގެ ސީރީޒަކީ އިމްތިޔާޒު އުފައްދައި، އޭނާގެ ކޮއްކޮ އާރިފް އަލީ ޑައިރެކްޓްކޮށްފައިވާ ސީރީޒެކެވެ.
ޓްރެއިލާއިން ފެންނަ ގޮތުގައި، މި ސީރީޒްގެ ވާހަކަ ފެށެނީ ވަރަށް ލޯބިން ކައިވެނިކޮށްގެން އުޅުނު ރޯޝްނީ (އަދިތީ) އާއި ކަރަން (އަވިނާޝް)ގެ ކައިވެނި ރޫޅުމާ ހިސާބަށް ގޮސް، ވަރިވުމަށް ފެމިލީ ކޯޓަށް ހާޒިރުވާ މަންޒަރަކުންނެވެ.
އެ ދެމަފިރިންގެ ގުޅުމަށް ހީނަރުކަން އައިސް، ދެމީހުންގެ މެދުގައި ފަރަގު ބޮޑުވެ، އެކަކު އަނެކެއްގެ އިހުސާސްތައް ބަލައިނުގަނެވި، ދެމީހުންގެ ގުޅުން ކެނޑިފައިވާ ދަނޑިވަޅެއްގައި، ރޯޝްނީގެ ދިރިއުޅުމަށް ޕްރަދްޔުމަން (އަރްޖުން) ނަމަކަށް ކިޔާ ޝާހީ މިޒާޖެއްގެ ފިރިހެނަކު އާދެ އެވެ.
ޕްރަދްޔުމަންއާ ގާތްވުމާ އެކު ރޯޝްނީއަށް އޭނާގެ އަމިއްލަ ނަފުސާއި ހިތުގެ އެދުންތައް ދެނެގަނެވި، އޭނާއާ މެދުގައި ލޯބީގެ އިހުސާސްތަކެއް އުފެދެން ފަށަ އެވެ. އަނެއްކޮޅުން ކަރަން އޭނާގެ އަނބިމީހާ ދެކެ އިންތިހާއަށް ލޯބިވާއިރު، މި ތިން މީހުންގެ ދެމެދުގައި އުފެދޭ ޖަޒުބާތީ އޮޅުންބޮޅުންތަކުގެ ތެރެއިން ހިނގާ ތަފާތު ކަންތައްތަކެއް ދައްކަ އެވެ.
ވިންޑޯ ސީޓް ފިލްމްސް އިން ޕްރޮޑިއުސްކޮށް، އިމްތިޔާޒު އާއި އަމޯގް ކަނާސްކަރު އަދި ނިދީ ސޭތިއާ ގުޅިގެން ލިޔެފައިވާ "އޯ ސާތީ ރޭ" ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަނީ އަންނަ މަހު ހަތަރެއްގަ އެވެ.