އުމުރުން 24 އަހަރުގެ މި ޒުވާނާއަށް މީހުންގެ ރުޅި އާއި ފުރައްސާރައާ ކުރިމަތިވި އެވެ. އެންމެންގެ ތެރޭގައި ލަދުގަންނަވާލައި، ހަންގަނޑު ބްލީޗްކުރުމަށް ވެސް ބައެއް މީހުން އޭނާ ކައިރީ ބުނެ އެވެ. ނަމަވެސް މީހުންގެ ނަފްރަތަކީ އޭނާ ކުރާ މަސައްކަތަށް ހުރަހަށް ވިޔަކައެއް އޭނާ ނުދިނެވެ.
މިއީ ދެކުނު ސޫދާނުގެ މޮޑެލް ނިޔާކިމް ގަޓްވެޗެވެ. މިހާރު އޭނާއަކީ މޮޑެލިންގެ ދުނިޔޭގައި މުޅި ދުނިޔެއަށް މަޝްހޫރު، ކާމިޔާބު މޮޑެލް އެކެވެ. އޭނާގެ ގައިގައި ހުރި އަނދިރި ކުލަ އަކީ މޮޑެލް ކުރުމުގެ ޕްރޮފެޝަންގައި ވަރަށް މަދުން ނޫނީ ނުފެންނަ ކުލައެކެވެ. ނަމަވެސް މިއަދު އެ ކުލަ ވެފައި ވަނީ އޭނާ ހިމާޔަތް ކޮށްދޭ އެއްޗަކަށެވެ.
އޭނާގެ ނުގުޑާ އަޒުމާ އެކު އޭނާ ދަނީ ރީތި މީހުންގެ ހަގީގީ ސިފައަކީ ހަމައެކަނި ދޮން ކުލަ ނޫންކަން މުޅި ދުނިޔެއަށް ސާބިތުކޮށްދެމުންނެވެ. އަދި އެހެން މީހުންނަށް ވެސް ހިތްވަރާ އެކު މި ޕްރޮފެޝަނަށް ނުކުތުމަށް އޭނާ ހިތްވަރު ދެ އެވެ.
މިހާރު އޭނާގެ ކޮންމެ އިންސްޓަގްރާމް ޕޯސްޓަކަށް އެވްރެޖްކޮށް 10،000 ލައިކްސް ލިބެ އެވެ. އަދި އޭނާ ދެކެ ރުޅިއަންނަ މީހުން ކުރާ ކޮމެންޓްތައް އޭނާ ދެކެ ލޯބިވާ މީހުން ކުރާ ތައުރީފުގެ ކުރިމަތީގައި ވަނީ ގެއްލިފަ އެވެ.
ނަމަވެސް އޭނާއަށް ލިބިފައިވާ މި އާދަޔާޚިލާފު ރީތިކަމުގެ ސަބަބުން އެކަންޏެއް ނޫނެވެ. އޭނާއަކީ ފެޝަން އިންޑަސްޓްރީގައި އެކި ނަސްލުގެ މީހުންގެ ބައިވެރިވުމަށް ވަކާލާތު ކުރާ މީހެކެވެ. އަދި އެ ޕްލެޓްފޯމްތަކުގައި ކަޅު އަންހެނުން ތަމްސީލުކުރާ ރެޕްރެޒެންޓެޓިވް އެއް ވެސް މެ އެވެ.
މިހާރު ގިނަ ބަޔަކު މި ހިތްވަރުގަދަ އަންހެނާ އާ މުޚާތަބު ކުރަނީ "ރޭގަނޑުގެ ރާނީ"ގެ ނަމުންނެވެ. މި ޓައިޓްލް ނިޔާކިމް ބަލައިގަންނަނީ އުފަލާ އެކުގަ އެވެ.