"ހައްދު"ގެ މި ލަވައާ އެކު "އުދުހިލަމާ"

"ހައްދު" އަޅުވަން ދެން އޮތީ ހަތަރު ދުވަހެވެ. ޑައިރެކްޓަރު އަބްދުލް ފައްތާހް ރިކޯޑް ބްރޭކިން މޫވީއެއްގެ ގޮތުގައި ޕްރޮމޯޓް ކުރާ މި ފިލްމުގައި ހުރި ވަރެއް ކޮންމެހެން ވެސް މި ފަހަރު ބަލާލަން ޖެހޭނެ އެވެ.


ސިނަމާ އަށް ދިއުމުގެ ކުރިން ފިލްމުގެ އިތުރު ލަވައެއް ބަލައިލަމާ ހިނގާށެވެ. މި ފަހަރު މިއޮތީ ފަތޯގެ މިއުޒިކަށް ހަދާފައިވާ "އުދުހިލަމާ" އެވެ. ލަވަ ކިޔާފައި ވަނީ ތޭރަވާ އާއި އަންހެނުން އަޝްފާ އެވެ.

މި ލަވައަކީ "ހައްދު" ގެ ޓްރެކްތަކުގެ ތެރެއިން އެންމެ އަވަސް ލަވަ އެވެ. ލަވައިން ފެންނާނީ ބަތަލާ މަރިޔަމް އައްޒަ އާއި އަހުމަދު ޝިބާން އެވެ.

މި ފަހަރު ލަވަ ބެލުންތެރިންނަށް ދޫކޮށްލާފައި މިއޮތީ ތޭރަވާ އާއި އަޝްފާ ވެސް ހިމެނޭ ގޮތަށް ފިލްމުގެ ބައެއް މަންޒަރުތަކާ އެކުގަ އެވެ.

"އުދުހިލާ" އަކީ ވެސް އަމިއްލަ ރާގެކެވެ. އަޑު އަހާލަން ހިތްގައިމު މިއުޒިކެއް ހިމެނޭ އަދި ޝައިގުވެރި ވާހަކަތަކެއް ވެސް ކިޔައިދޭ ލަވައެކެވެ. ލަވަ ހަދާފައި ވަނީ ތޭރަވާ އެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ "ހައްދު" ޕްރިމިއާ ކުރާ އިރު، ބެލުންތެރިންނަށް މި ވަގުތަށް ދޫކޮށްލަން ހުރި ފިލްމާ ގުޅުން ހުރި ވީޑިއޯތައް ދައްކައި ނިމުނީ އެވެ.

ދެން އޮތީ ސްކްރީނަށް ގޮސް ފިލްމް ތަޖުރިބާކޮށްލުމެވެ. "ހައްދު" ގެ ޓިކެޓް އޮލިމްޕަހާއި ޝްވެކް ސިނަމާ އިން މިހާރު އަންނަނީ ވިއްކަމުންނެވެ.