ފިލްމެއްގައި ކުޅެންޖެހޭ ކެރެކްޓާއަކަށް ހަށިގަނޑަށް ބަދަލެއް ގެންނަން ޖެހޭ ނަމަ އެކަން ކުރުމުގައި އެކްޓަރު ކްރިސްޓިއަން ބޭލްއަކީ ފަހަތަށް ޖެހޭނެ ތަރިއެއް ނޫނެވެ. މާޒީގައި ވެސް އޭނާ ވަނީ އެކަން ސާބިތުކޮށް ދީފަ އެވެ.
އެމެރިކަން ހަސްލް (2013) އާއި ދަ މެޝިނިސްޓް (2004) ކުޅެން ބޭލް ހަށިގަނޑު ހިއްކައިލި ހިއްކުމަކީ އޭނާ ދައްކުވައި ދިން އަޖައިބެއް ކަހަލަ ބަދަލުތަކެވެ.
މި ފަހަރު މިއޮތީ ފަލާވާން ޖެހުމެވެ. އެމެރިކާގެ ކުރީގެ ނައިބް ރައީސް ޑިކް ޗޭނީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމް "ބެކްސީޓް" ގައި ޗޭނީގެ ރޯލް ކުޅެން ބޭލް މިހާރު ހުރީ ވަރަށް ބޮޑަށް ފަލަވެފަ އެވެ. ނަމަވެސް އާންމުކޮށް ވަރަށް ފިޓްކޮށް ހުންނަ އެކްޓަރު މި ބަދަލާ ބެހޭ ގޮތުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ފަލަވާން ކުރަން ޖެހުނީ ކޮން ކަހަލަ މަސައްކަތްތަކެއް ކަމެއް އަދި އެ ތަޖުރިބާއާ ބެހޭ ގޮތުން ވެސް އޭނާ ވާހަކައެއް ނުދައްކަ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮލަރާޑޯގައި މިހާރު ކުރިއަށްދާ ޓެލުރައިޑް ފިލްމް ފެސްޓިވަލަށް ބޭލް، 43، ގެ އެންމެ ފަހުގެ ފިލްމް "ހޮސްޓައިލްސް" ގެ ޕްރިމިއާ އަށް ދިޔަ އިރު، އޭނާ ފަލަވެފައި ހުރި ވަރުން އެއީ ކާކުކަން ދެނެގަންނަން ވެސް ބައެއް މީހުންނަށް ފުރަތަމަ އުނދަގޫވި އެވެ.
ދެހާސް ދިހަ ވަނަ އަހަރު "ދަ ފައިޓާ" އިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އޮސްކާ ހޯދި ބަތަލުގެ ސިފަ މިހާރު ހުރީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ.
"ބެކްސީޓް" ގެ ޝޫޓިން މި މަހުގެ ތެރޭގައި ފަށަން ހަމަޖެހިފައިވާ އިރު، މީގެ ޑައިރެކްޓަރަކީ މިދިޔަ އަހަރުގެ އޮސްކާ އަށް ނޮމިނޭޓްވި ފިލްމް "ދަ ބިގް ޝޯޓް" ގެ ޑައިރެކްޓަރު އެޑަމް މެކޭ އެވެ. އެ ފިލްމުގައި ވެސް ބޭލް ވަނީ އެޑަމްއާ އެކު މަސައްކަތްކޮށްފަ އެވެ.