ޕްރިންސް ހެރީ އާއި މޭގަން މާކަލް "އާއިލީ ގޮތުން ގާތް"

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ބަތަލާ މޭގަން މާކަލްގެ ލޯބީގެ ވާހަކައަކީ މިހާރު އެއްގޮތަކަށް ވެސް އާ ވާހަކައެއް ނޫނެވެ. މީޑިއާތަކުން ދައްކާ ވާހަކަތަކަށް ބަލާ އިރު ދެ މީހުންގެ ގުޅުން ވަަރަށް ސީރިއަސް ހިސާބަކަށް މިހާރު ގޮސްފައިވާ އިރު، ދެން މާ ލަސްތަކެއް ނުވެ އެންގޭޖްމަންޓް ވެސް އިއުލާންކޮށްފާނެ އެވެ.


އެކަމަކު މި ވާހަކަތަކުގެ ތެރެއިން މާ އާދަޔާހިލާފު ވާހަކައެއް މިހާރު ވަނީ ފެންމަތިވެފަ އެވެ. އެއީ ޕްރިންސް ހެރީ އާއި އެމެރިކާގެ ލޮސް އެންޖަލިސް އަށް އުފަން މޭގަން އާއިލީ ގޮތުން ގާތް ވާހަކަ އެވެ.

ދަ ޑެއިލީ މެއިލުން އާންމުކޮށްފައިވާ ރިޕޯޓަކާ ހަވާލާދީ، ބައެއް ނޫސްތަކުން ބުނެފައިވަނީ އެ ދެ މީހުންގެ އާއިލާ 15 ވަނަ ގަރުނުގެ ކުއީން މަދާއާ ގުޅޭ ކަމަށެވެ.

ޕްރިންސް ހެރީ އާއި މެގަން: ދެ މީހުންގެ ލޯބީގެ ގުޅުން ވަރަށް ސީރިއަސް.

އެ ރިޕޯޓްގައި ބުނާ ގޮތުން މޭގަންގެ ބައްޕަ ތޯމަސް މާކަލްގެ އާއިލާއަކީ އިނގިރޭސި ޝާހީ އާއިލާއާ ވަރަށް ދުރުން ލޭގެ ގުޅުން އޮތް އާއިލާއެކެވެ. އެހެންވެ މީގެ ތެރެއިން ދެމިގެން ގޮސް، ހެރީ އާއި މޭގަންއަކީ ވެސް އާއިލީ ގޮތުން ގުޅުން އޮތް ދެ މީހުން ކަމަށް ބެލިދާނެ ކަމަށް ބުނެފައިވެ އެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ހެރީގެ މާމަ ރާނީ އެލިޒަބަތާއި ކާފަ ޕްރިންސް ފިލިޕަކީ ވެސް ދެބެންގެ ދެ ދަރިންނެވެ. އަދި އެ ދެ މީހުން ސީދާ ކުއީން ވިކްޓޯރިއާ ލޭގެ ގޮތުން ގުޅޭ ކަމަށް ބުނެފައިވެ އެވެ.

ކޮންމެއަކަސް ހެރީ އާއި "ހޮރިބަލް ބޮސެސް" ފަދަ ފިލްމްތަކުގެ ބަތަލާ މޭގަންގެ "ފެމިލީ ޓްރީ" ގެ ވާހަކަ ބައެއް މީހުންނަށް އަރަތަކަށް ވިޔަސް، އެ ދެ މީހުން މިހާރު އަންނަނީ ކައިވެންޏަކާ ހިސާބަށް ދަތުރު ކުރަމުންނެވެ. ދެ ފަރާތުގެ އާއިލާ ވެސް އެ ގުޅުމަށް ވަރަށް ތާއީދެވެ.

ދާދި ފަހުން މޭގަންގެ ބައްޕަ ތޯމަސް ބުނި ގޮތުގައި ދަރިފުޅު މެގަންގެ ހޮވުމާ ދޭތެރޭ އޭނާ ބުނާނެ ވަކި އެއްޗެއް ނެތެވެ. އަދި އޭނާ ހުރީ ވަރަށް އުފަލުން ކަމަށް ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހެރީ، މޭގަން ޝާހީ ގަނޑުވަރަށް ގެންގޮސް، ރާނީއާ އެކު ސައި ބޮއެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. އެހެންވެ ޝާހީ އާއިލާގެ ތެރެއިން ވިދުން ގަދަ ކައިވެންޏެއް ފެނުން ދެން މާ ލަހެއް ނުވާނެ އެވެ.

މޭގަން، 36، މީގެ ކުރިން ކައިވެންޏެއްކޮށްފައި ވިޔަސް، މި ކައިވެނި ވެގެން ދާނީ ޕްރިންސް ހެރީ، 33، ގެ އަލަތު ކައިވެންޏަށެވެ.