މޭގަން މާކަލްގެ ކެރިއަރު އަލުން ބިނާކުރަން އެންޖެލީނާ ޖޮލީގެ އެހީ

ޕްރިންސް ހެރީގެ އަނބިކަނބަލުން އަދި ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކަލް ކެރިއަރު އަލުން ކޮޅަށް ޖަހައިދޭން، މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީގެ އެހީ ހޯދަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ޝާހީ ޒިންމާތައް ދޫކޮށްލެވުމަށް ފަހު، އިނގިރޭސިވިލާތުން ކެނެޑާ އަށް ވަޑައިގެން އެތަނުގައި ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު މޭގަން ފިރިކަލުންނާއި ދަރިކަލުންނާ އެކު މި ވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ. ޝާހީ ޒިންމާތައް ދޫކޮށްލެއްވި ފަހުން، މޭގަން ވަނީ ޑިޒްނީން ދާދި ފަހުން "އެލެފަންޓް" ގެ ނަމުގައި ގެނެސްދިން ޑޮކިއުމަންޓަރީއެއް ނެރޭޓް ވެސްކޮށް ދެއްވައިފަ އެވެ.

މިކަމާ ގުޅިގެން ވަރަށް ގިނަ މީޑިއާތަކުން ބުނަމުން އަންނަނީ މަޝްހޫރު ސިލްސިލާ "ސޫޓްސް" ގައި ވެސް މުހިއްމު ރޯލެއް ކުޅުއްވި މޭގަން އަލުން ހޮލީވުޑަށް މިސްރާބު ޖައްސަވާފައިވާ ކަމަށެވެ. މިކަމަށް ބާރުދޭ އިތުރު ވާހަކަތަކެއް ގިނަ މީޑިއާތަކުން މިހާރު ހިއްސާކުރަމުން އަންނަ އިރު، އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން މޭގަންގެ ކެރިއަރު އަލުން ކޮލަށް ނަގައި ދިނުމުގައި އެންމެ ބޮޑު އެހީއެއް ހޯދާނީ އެންޖެލީނާގެ ފަރާތުންނެވެ. އެގޮތުން އޭނާ އަކީ މެންޓޯއެއްގެ ގޮތުގައި މޭގަން ދެކެވަޑައިގަންނަވާ ކަމަށާއި މާ ކުރިން ވެސް ޖޮލީ އަކީ މޭގަން އަށް ވަރަށް މަގުބޫލު ޝަހުސިއްޔަތެއް ކަމަށް ބުނެފައިވެ އެވެ.

ޕްރޮފެޝަނަލް ފިލްމީ ކެރިއަރާއި ޔުނިސެފާ ގުޅިގެން އެންޖެލީނާ އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތްތަކަކީ މޭގަން އަބަދު ވެސް ނަމޫނާއަކަށް ބަލާ ކަންކަން ކަމަށް މީޑިއާތަކުން ބުންޏެވެ.

ބައެއް ނޫސްތަކުން ބުނިގޮތުގައި އެންޖެލީނާއާ އެއް ސިޓީއެއްގައި އަދި އަވަށްޓެރިންގެ ގޮތުގައި ވެސް މިހާރު ދިރިއުޅުއްވަން ޖެހިވަޑައިގެންފައިވާތީ މޭގަން، އެންޖެލީނާގެ އެހީތެރިކަން އަބަދު ވެސް ހޯއްދަވާނެ އެވެ. އެގޮތުން އެކިއެކި ޕްރޮޖެކްތައް މޭގަން އަށް ފަހިކޮށް ދިނުމުގައި އެކްޓަރު ބްރެޑް ޕިޓްގެ ކުރީގެ އަންހެނުން އެހީވެދޭނެ ކަމަށާއި މިހާރު ވެސް މިކަމާ ބެގޭ ގޮތުން ދެ މީހުން ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށް ބުންޏެވެ.

ނޫސްތަކުން ބުނާގޮތުގައި މޭގަން އަލުން އެކްޓިން އަށް ނުކުންނަވާނެކަން އަދި މުޅިއަކުން ކަށަވަރު ނުވިޔަސް، ނުފޫޒު ފަދަ ބްރޭންޑްތައް އިޝްތިހާރުކޮށް ދެއްވުން ފަދަ ޕްރޮޖެކްޓްތަކުގައި އޭނާ މަސައްކަތްކުރައްވާނެ އެވެ. އަދި އެފަދަ ފުރުސަތުތައް ހޯދައިދޭން ވެސް އެންޖެލީނާ މުހިއްމު ދައުރެއް އަދާކުރާނެ އެވެ.

ޕްރިންސް ހެރީއާ ލޯބީގެ ގޮތުން ގުޅިވަޑައިގަތުމާ އެކްޓިން ކެރިއަރު ދޫކޮށްލެއްވި މޭގަން، 38، ވަނީ ސިލްސިލާތަކުގެ އިތުރުން ބައެއް ފިލްމުތައް ވެސް ކުޅުއްވައިފަ އެވެ. އެކަމަނާ ކުޅުއްވި ފިލްމުތަކުގެ ތެރޭގައި 2015 ގެ "އެންޓި-ސޯޝަލް" އާއި 2012 ގެ "ޑިސްފަންކްޝަނަލް ފެމިލީ" ގެ އިތުރުން 2011 ގެ "ހޮރިބަލް ބޮސެސް" ހިމެނެ އެވެ.