"ކިލް ބިލް" އާއި "އިންގްލޯރިއަސް ބަސްޓަޑްސް" ފަދަ މޮޅެތި އަދި ކާމިޔާބު ފިލްމްތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރު ކްއެންޓިން ޓެރަންޓީނޯ އިއުލާންކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް އޭނާގެ 10 ވަނަ ޑައިރެކްޝަނާ އެކު، ފިލްމް ޑައިރެކްޓް ކުރުން ހުއްޓައިލާނެ އެވެ.

ސޮނީ ޕިކްޗާސްއާ ގުޅިގެން އޭނާ ހަދާ، 1960ގެ ތެރޭގައި ހިނގާ ގަތުލުތަކެއް ދައްކުވައިދޭ ފިލްމް ރިލީޒް ކުރަން ތާވަލްކޮށްފައި ވަނީ އޮގަސްޓް، 9، 2019 ގަ އެވެ.

އެކަމަކު މިހާރު ބެލެވޭ ގޮތުން އެ ފިލްމާ އެކު އޭނާ ޑައިރެކްޓަރުގެ ގޮނޑިން ތެދުވާނެ ކަމަކަށް ނުބެލެވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޕެރަމައުންޓުން ގެނެސްދޭ "ސްޓާ ޓްރެކް" ގެ ހަތަރު ވަނަ ފިލްމްގެ ޑައިރެކްޝަނާ އޭނާ ހަވާލުވެ ވެދާނެ އެވެ. ކަންކަން ދާ ގޮތުން އެކަން އެގޮތަށް ވުމުގެ ފުރުސަތު އޮތް ކަމަށް ހޮލީވުޑްގެ ރިޕޯޓްތައް ބުނެ އެވެ.

ޖޭޖޭ އަބްރަމްސް އާއި ޓެރަންޓީނޯ: "ސްޓާ ޓްރެކް" އާ ފިލްމަށް އަތާއަތް ގުޅާލާނެ.
ޖޭޖޭ އަބްރަމްސް އާއި ޓެރަންޓީނޯ: "ސްޓާ ޓްރެކް" އާ ފިލްމަށް އަތާއަތް ގުޅާލާނެ.

ފިލްމާ ބެހޭ ގޮތުން ޕްރޮޑިއުސަރު ޖޭޖޭ އަބްރަމްސް އާއި ޓެރަންޓީނޯ އަތާއަތް ގުޅާލައި، ފިލްމްގެ ވާހަކަ ފައްކާ ކުރާނެ ގޮތަކާ ބެހޭ ގޮތުން މިހާރު މަޝްވަރާ ވެސްކޮށްފައިވާކަން ހޮލީވުޑް ރިޕޯޓާ އިން ވަނީ ކަށަވަރުކޮށް ދީފަ އެވެ. އެގޮތުން ޖޭޖޭ އާއި ޓެރަންޓީނޯގެ ބެލުމުގެ ދަށުން ފިލްމްގެ ސްކްރިޕްޓް ލިޔާނެ ޓީމެއް މިހާރު އެކުލަވާލުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ޕެރަމައުންޓުން އަދި ތައްޔާރެއް ނޫނެވެ. އެކަމަކު އެ ސްޓޫޑިއޯ އިން ކުރިން ވަނީ ކްރިސް ހެމްސްވޯތުއާ އެކު، ސްޓާ ޓްރެކްގެ ހަތަރު ވަނަ ބައި ގެނެސްދޭނެކަން ކަށަވަރުކޮށް ދީފަ އެވެ.

މި ފަހުން "ސްޓާ ވޯސް" ގެ ފިލްމްތަކުގައި މަސައްކަތް ކުރަމުން އަންނަ ޖޭޖޭ ވަނީ 2009 ގެ "ސްޓާ ޓްރެކް" ގެ ރިބޫޓް ވާޝަނެއް 2013 ގައި "ސްޓާ ޓްރެކް އިންޓް ޑާކްނެސް" ގެ ނަމުގައި ގެނެސް ދީފަ އެވެ. އަދި މިދިޔަ އަހަރު ޖޭޖޭ ޕްރޮޑިއުސްކޮށް، ޖަސްޓިން ލިން ޑައިރެކްޓްކޮށް "ސްޓާ ޓްރެކް ބިޔޯންޑް" ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އިރު، 2019 ގައި ރިލީޒް ކުރާ "ސްޓާ ވޯސް: އެޕިސޯޑް 9" ގެ ޑައިރެކްޓަރަކީ ޖޭޖޭ އެވެ.

ޓެރަންޓީނޯ ކުރިން ބުނެފައިވާ ގޮތުގައި އޭނާއަކީ "ސްޓާ ޓްރެކް" އާއި "ސްޓާ ވޯސް" ވުޖޫދަށް އައި ފަހުން އެ ސީރީޒްގެ ފިލްމްތަކުގެ ވަރަށް ބޮޑު ފޭނެކެވެ.

އެކަމަކު އެ ދެ ސީރީޒްގެ ތެރެއިން ފިލްމެއް ޑައިރެކްޓް ކުރަން ފުރުސަތެއް ލިބިއްޖެ ނަމަ ހޮވުމަކަށް ވާނީ "ސްޓާ ޓްރެކް" ކަމަށް އޮސްކާ ވެސް ހޯދާފައިވާ ޑައިރެކްޓަރު ބުންޏެވެ.